ފިކުރީ ހަނގުރާމައިގެ ކަސްތޮޅުން ސަލާމަތް ވެވޭނީ ތަފާތު ދާއިރާތަކުން އުނގެނިގެން: ހުކުރު ޚުޠުބާ

އިސްލާމީ އުއްމަތުގެ ޒުވާނުން މިއަދު މިވަނީ ފިކުރީ ހަނގުރާމައިގެ ކަސްތޮޅުން ބަނދެވިފައި ކަމަށާއި، މިކަމުން ސަލާމަތް ވާނީ ތަފާތު ދާއިރާތަކުން ތަޢުލީމު ހޯދައިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަ ކޮށްފައި ވަނީ ދިރާސީ އައު އަހަރު ފެށުމުގެ މައްޗަށެވެ. ޚުޠުބާ އަމާޒު ކޮށްފައި ވަނީ ކިޔަވާ ކުދިންނަށެވެ. ދުނިޔޭގައި މުސްލިމުންނާ ދެކޮޅަށް ކުރިއަށް ގެންދާ ފިކުރީ ހަނގުރާމައިގެ ގެއްލުމާއި އެ ހަނގުރާމައިގެ ގެއްލުމުން ސަލާމަތް ވުމުގެ މުހިއްމު ކަމުގެ މައްޗަށް ޚުޠުބާގައި އަލި އަޅުވައިލާފައި ވެއެވެ. އިސްލާމީ އުއްމަތް ކުރިއަށް ދިޔައީ ޢިލްމީ މަސައްކަތްތަކެއްގެ ސަބަބުން ކަމަށާއި، ހުޅަނގުގެ ޢިލްމީ ހަރަކާތަކީވެސް މުސްލިމުން އެޅި ބިންގަލެއްގެ މަތީގައި ފެށުނު ހަރަކާތެއް ކަމަށް އިޝާރާތް ކޮށްފައި ވެއެވެ. "އިސްލާމް ދީބނަކީ ޢިލްމުގެ ދީނެވެ. ތަރައްގީއާއި ތަހުޒީބުގެ ދީނެވެ. އިސްލާމީ އުއްމަތަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ވަރުގަދަ ޢިލްމީ ޙަޟާރަތް ދުނިޔެއަށް ގެނެސްދިން އުއްމަތެވެ. ނަބަވީ މަދަރުސާގެ ދުވަސްވަރުން ފެށިގެން އަދާ ހަމަޔަށް، އިސްލާޟީ އުއްމަތް ވަނީ ޢިލްމީ އާލަމުގައި އުސް މިންތަކެއް ހާސިލު ކޮށްފައެވެ. އުއްމަތުގެ މާޒީގެ ސަފުހާތަކަށް އެނބުރި ދިއުމުން މުސްލިމުން ތަފާތު ފަންނު ތަކުގައި ކުރި އަރާފައިވާކަން ތާރީޚު ހެކިދޭތަން ފެންނާނެއެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އަންދަލުސް ނުވަތަ ސްޕޭންގައި އޮތް އިސްލާމީ ދައުލަތުގެ ދައުރެވެ. މިއަދު ހުޅަނގުގެ ގައުމުތަކުގެ ތަރައްގީއާއި ތަހުޒީބުގެ އަސްލަކީ އަންދަލުސްގައި އޮތް އިސްލާމީ ދައުލަތް ކަމުގައި މުއައްރިޚުން ހެކި ދެއެވެ. ޙުޅަނގަށް ޢިލްމުގެ އަލިކަން ވަދެގެން ފެތުރިގެން ދިޔަ ދޮރާށްޓަކީ އަންދަލުސްކަން ޚުދު ހުޅަނގުގެ އަހުލުވެރިންވެސް ގަބޫލު ކުރެއެވެ." މިއަދުގެ ޚުޠުބާގައި ވެއެވެ.

ޚުޠުބާގައި ވަނީ މައިންބަފައިންގެ ބަސް އަހާށާއި، މުދައްރިސުންނަށް އިހުތިރާމް ކުރާށާއި، ރޭގަނޑުގެ ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި، ޖަމާޢަތުގައި ނަމާދު ކުރާށާއި، ކީރިތި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދިނުމަށާއި، ބޭކާރު ގޮތުގައި ވަގުތު ނަގައިނުލުމަށާއި، ފައިބެ އަހަރުން އިބުރަތް ހޯދައި ކިޔެވުމާއިގެން ކުރިއަށް ގޮސް ޢިލްމާއި ތަރައްގީއާއި ތަހުޒީބުގެ މަގުން ކުރިއަރައި ދާން ކިޔަވާ ކުދިންނަށް ނަސޭހަތްތެރި ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.