އަށާރަ އަހަރުގެ ފިރެހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ފުލުހަކު ބަންދުކޮށްފި

ޢުމުރުން 18 އަހަރުގެ ފިރިހެނަކަށް ޖިންސީގޯނާ ކުރަން އުޅުނު މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާގައި ބަންދުކޮށްފައިވަނީ ޢުމުރުން 42 އަހަރުގެ ފިރިހެން ފުލުހެކެވެ. ފުލުހުން ވިދާޅުވީ ޖިންސީ ގޯނާކުރަން އުޅުމުގެ ތެރޭގައި މާރާމާރީއެއްވެސް ހިނގާފައިވާ ކަމަށެވެ.

މިޙާދިސާ ހިނގާފައިވަނީ މިމަހު އަށްވަނަދުވަހުގެ ރޭ 10:50 އެހައިކަންހާއިރު އެވެ. ހާދިސާ ހިނގީ ކޮންތާކު ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

"މިމައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކީ ފުލުހެއް. އޭނާ ވަނީ ވަގުތުން ހައްޔަރު ކުރެވިފައި،" ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ޤާޒީ ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ ޖިނާއީ ތަހުގީގެއް ވެސް ކުރަމުންނެވެ. އަދި އެ ފުލުސް މީހާގެ ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.