ބައިނަލްއަގުވާމީ ޢާއިލާގެ ލޯބި ރާއްޖެއަށް ލިބިއްޖެ: ރައީސް

ރާއްޖެއަށް މިހާރުވަނީ، ބައިނަލްއަޤްވާމީ ޢާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައި ކަމަށް ރައީސުލްޖުމްހޫރިޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަރަށް ބޮޑަށް އެކަހެރިވެ ބާކީކުރެވިފައި ކަމަށެވެ. އެ އެކަހެރިކަމާއި ބާކީކުރުން ނައްތާލައި ބައިނަލްއަޤުވާމީ ޢާއިލާގެ ލޯބި ރާއްޖެއަށް އަލުން ލިބުނީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަށް ގެންނެވި ބަދަލާއެކު ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިޤްތިޞާދާއި ތަޢުލީމީ ކުރިއެރުމުގައި، ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި، ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު ވާނީ، އެ ޖަމާޢަތަށް ހުށަހަޅާފައި. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ބައިވެރިންނާއެކުވެސް، ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، (ޚާއްޞަކޮށް ކިޔަވާކުދިންނަށް) ކޮންސިއުލަރ ޚިދުމަތްތައް،މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. ދިވެހިން ޢާންމުކޮށް ގޮސްއުޅޭ ޤައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކޮށް، ވިލާތުގެ ޤައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވީހާ ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ރާއްޖެފަދަ ކުޑަ ޤައުމަކަށް، ވަރަށް މުހިންމު ކަމެއް ކަމަށާއި، އެހެން ކަމުން ދެކުނު އެފްރިކާގަޔާއި އެމެރިކާގެ ވޮޝިންޓަން، އަދި ރަޝިޔާގައި ދިވެހި އެމްބަސީއެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.