މުގާބިލާ - 8

(8 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"އަހަރެން އަދި އެ ގެޔަކަށް ނުދަން. މާދަމާ ދާނަން."

އެ ވަގުތު ދޮރުގައި ޓަކި ޖެހި އަޑު އިވިއްޖެއެވެ. ސުލައިމާން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ރިޟްވާން ހުއްޓައި ފެނުނީމާ އޭނާ ހައިރާން ވިއެވެ.

ރިޟްވާން އެތެރެއަށް ވަދެއްޖެއެވެ. ސުލައިމާން ދޮރު ލެއްޕުމަށް ފަހު އެތެރެއަށް އައި އިރު ރިޟްވާން އިށީނދެއްޖެއެވެ. "ރިޟްވާން. ކަލޭ މިތަނަށް އައީޔޯ؟" ސުލައިމާން ޙައިރާން ވެފައި އަހައިލިއެވެ. "މިހައި އަވަހަށް ޢީދުވީތަ؟" އޭނާ ހައިރާންވީ ސަބަބެއްވެސް އޮވެގެންނެވެ. ރޯދަމަހު އެމީހުން ތިބޭ ތަނަށް އައުމަކީ ރިޟްވާން ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އަދި އޭނާ ހުންނަ ތަނަކަށް އެމީހުންވެސް ނުދެއެވެ. ތިން މީހުން ބައްދަލު ކުރަނީ ޢީދު ދުވަހުއެވެ.

"ޖެއްސުން ނުކުރޭ. އޭނާގެ ހާލަތު ކަލެއަކަށް ނުފެނޭތަ؟" ޢަދްނާން ބުންޏެވެ.

ސުލައިމާން ރިޟްވާނާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އެއީ ތެދެކެވެ. އޭނާ ހުރީ ދާ ހިއްލާ ފޯ ވެފައެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. މޫނުގެ ކުލަވަރު ވަނީ ބަދަލު ވެފައެވެ. "ކިހިނެއްވީ؟" ސުލައިމާން އަހައިއެވެ.

"އެމީހުން މަރައިފި. ގަތުލު ކޮށްފި..." ރިޟްވާންގެ އަޑުވެސް ތުރުތުރު އަޅައެވެ.

"ކާކު؟ ކޮން ބަޔަކު މެރީ؟ ކޮން ގަތުލެއް؟"

"އެ މޮޔައިން... ރޯދަ ވީއްލި ގަޑީގައި ހޮޓަލަށް ވަދެ ބަޑި ޖެހީ... އަށާރަ މީހުން މަރު ވެއްޖެ..."

"ކޮން ހާސަރެއް މިހާރު ތިޔަ ދަމަނީ؟" ސުލައިމާނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.

ރިޟްވާން ކުއްލިއަކަށް ތެދުވެއްޖެއެވެ. ދެއްކުނު ވާހަކަ ވިސްނުނީ ކަހަލަ ގޮތަކަށް ބުންޏެވެ. "އާނ... ހާސަރެއް ދެމުނީ... އަހަރެންގެ ސިކުނޑި މި ވަގުތު ރަނގަޅެއް ނޫން."

ޢަދްނާން ރޭޑިއޯ ހުޅުވައިލިއެވެ. އޭރު އަށެއްގެ ޚަބަރު ކިޔަނީއެވެ. ދެތިން މިނިޓެއްހައި އިރުގެ ތެރޭގައި ރިޟްވާން އެ ދައްކާ ވާހަކައަކީ ތެދެއްކަން ކަށަވަރު ކުރެވިއްޖެއެވެ. ހަތިޔާރު އެޅި ބަޔަކު ހޮޓަލަކަށް ހަމަލާ ދިނީއެވެ. އެމީހުން ބަޑި ޖެހުމުގެ ސަބަބުން ހޮޓަލުގެ ބޭރުގައި އެވަގުތު ތިބި މީހުންގެ ތެރެއިން އަށާރަ މީހަކު ވަގުތުން މަރުވެއްޖެއެވެ. ހަ މީހުންގެ ހާލަތު ނާޒުކު ކަމަށް ޚަބަރުގައި ކިޔެވެ. ބަޑި ޖެހީ ކޮން ބަޔަކު ކަމެއް ނޭނގެއެވެ.

ޚަބަރު އިވުނީމާ ޢަދްނާނާއި ސުލައިމާނާ ދެމީހުންގެވެސް ބަސް ހުއްޓިއްޖެއެވެ. ހަމަޔަކަށް އެޅޭ ގޮތްވީ ކުޑަ އިރުކޮޅަކުންނެވެ. "ބަޑި ޖެހީ ކޮން ބައެއް؟"

ރިޟްވާން އާގަންްނަ ގޮތް ވެއްޖެއެވެ. "ކި... ކި... ކިހިނެއް އަހަންނަށް އެނގެނީ؟"

"ކަލެއަށް އެނގޭ." ސުލައިމާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭނާ ސީދާ ރިޟްވާންގެ ލޮލަށް ބަލައިލިއެވެ. ރިޟްވާން އިސް ޖަހައިލިއެވެ.

"އެއްވެސް ކަމަކާ ނުލައި..."

"ދެންމެ ބުނީމެއްނު؟" ސުލައިމާން ބުނެލިއެވެ.

"އަ... އަހަރެން ކީ... ކީކޭ ބުނީ؟" ރިޟްވާން ޢަދްނާނާ ދިމާއަށް ބަަލައިލިއެވެ.

"ދެންމެ ބުނީމެއްނު އެ މޮޔައިންނޭ... އެއީ ކޮން ބައެއްގެ ވާހަކަ؟" މި ފަހަރު ސުވާލު ކުރީ ޢަދްނާނެވެ.

"އަހަރެން އެހެން ބުނިންތަ؟" ރިޟްވާންގެ އަޑުގައި ހުރީ ހައިރާންކަމުގެ އަސަރެވެ.

"އާނ. ކަލޭ ބުނި. އެއީ ކޮން ބައެއް؟"

"އަހަރެން ހުރީ ވަރަށް ބޮޑަށް ހާސް ވެފައި. އެހެންވެގެން ބުނެވުނު އެއްޗަކަށް ވާނީ. އެއީ ކޮން ބައެއްކަން އަހަންނަށް އެނގޭނީ ކިހިނެއް؟"

ސުލައިމާނަކަށް އެ ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު ޢަދްނާން ބުނެލިއެވެ. "އެންމެ ރަނގަޅު. ކަލޭ ބުނީތީ ގަބޫލު ކުރާނީ. އެކަމަކު އެ ޚަބަރު އިވުނީމާ އަހަރެމެންނަށް ވާނޭ ގޮތް ކަލެއަށްވެސް އެނގޭނެ."

ސުލައިމާންވެސް އެ ވާހަކަ ކުރިއަށްގެންދާކަށް ގަސްތެއް ނުކުރިއެވެ. "މިއީ ކަލޭ މިސްކިތުގައި ހުންނާން ޖެހޭ ވަގުތެއްނު؟ ތަރާވީސް ނިމިދާނެ."

"މި އަހަރު އަހަރެން ތަރާވީހެއް ނުކުރަން." ރިޟްވާން ލަދުވެތިކަމާއެކު ބުނެލިއެވެ. "ޢިޝާ ނަމާދު ކޮށްލަނީ."

"އެއީ ކީއްވެގެން؟ މީގެ ކުރިން ތިޔަހެންނެއް ނުހަދަމެއްނު؟" ސުލައިމާން ޝައްކުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ.

"މީގެ ކުރިން ޢިޝާ ނަމާދު ގޭގައި ނުކުރޭ." ޢަދްނާން ކުރީގެ ހަނދާނެއް އައު ކޮށްލިއެވެ.

"ކިހިނެއްވީ؟ މިސްކިތުގައި ހަމަނުޖެހުމެއް ހިނގީތަ؟" މި ފަހަރު ސުލައިމާން މަޑުމައިތިރިކަމާއެކު އަހައިލިއެވެ.

"ނޫނޭ. މިސްކިތުގައި ހަމަނުޖެހުމެއް ހިނގާންވީ ކީއްވެގެން؟"

"ކޮންމެވެސް ކަމެއް ވެއްޖެ. ކަލޭ އަހަރެމެންނަށް ސިއްރު ކުރަނީ ދޯ؟"

"ނޫނޭ. އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން... އަހަރެން ދެން ދަނީ. ޢިޝާ ނަމާދު ކުރަން ވާނެ." ރިޟްވާން ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.

ސުލައިމާނާއި ޢަދްނާން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. ރިޟްވާން ނުކުމެގެން ދިޔައީމާ ސުލައިމާން ބުންޏެވެ. "ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ގައިމު. ރިޟްވާނަށް ބަދަލެއް އައިކަން އަހަންނަށް ފާހަގަ ކުރެވޭތާ ދިހަވަރަކަށް ދުވަސް ވެއްޖެ."

"އެއްވެސް ކަމެއް ނުވޭ. ކުދިކުދި ކަންތައްތައް ބޮޑު ކޮށްލައިގެން އުޅުމަކީ ކަލޭގެ އާދައެއް."

"ހަރާދުކިޔަމާ؟"

"އަހަންނަށް މާފުކުރޭ ސާހިބާ." ޢަދްނާން އަތް ޖޯޑުކޮށްލިއެވެ.

* * *

އިބިލީސް ކުލާހުގައި ތަގުރީރު ކުރަނީއެވެ. "ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަކީ ޝިރްކު. ޝަރީކު ކުރުން. އަހަރެން އާދަމުގެފާނަށް ސަޖިދަ ނުޖެހީމާ އަހަރެންމެ މައްޗަށް ލަޢުނަތް ލެއްވީ. ދެން އަހަރެން އެދުނީ ގިޔާމަތާ ހަމައަށް ދުނިޔޭގައި ލަހައްޓަވައި ދެއްވަން. އަހަރެންގެ އެދުން ﷲ ގަބޫލުފުޅު ކުރެއްވީމާ އަހަރެން ދެންނެވިން ގިޔާމަތާ ހަމައަށް އިންސާނުން މަގުފުރެއްދުމުގައި ދެމިހުންނާނަމޭ. އެމީހުންނަށް ދައްކާނީ ނަރައިގެ މަގޭ. ﷲ އެންގެވީ ލަދުގަތުމާއެކު ތައުބާވާ މީހުންނަށް މައާފު ކުރެއްވުމުގައި ދެމިވޮޑިގެންވާނަމޭ. ﷲ ގެ ޣަފޫރުވަންތަކަމާއި ރަޙީމްވަންތަކަން އަހަންނަށްވުރެ ބޮޑަށް އެނގޭނީ ވަކި ކާކަށް؟ ޒިނޭ ފަދަ ބޮޑު ފާފައެއް ކޮށްފައިވެސް ލަދުވެތިވެ ތައުބާވީމާ އިންސާނާގެ ދުލުން ތައުބާގެ ލަފުޒު ބޭރުވުމުގެ ކުރީން ﷲ އޭނާއަށް މައާފު ކުރައްވާ. ރަޙްމަތުގެ ހައްދެއް އެބައޮތްތަ؟" އިބިލީސް ދަތް ކާރުވާން ފަށައިފިއެވެ. "އެއީ ﷲ އާއި އަހަންނާ ދެމެދު އޮތް ދުޝްމިނުކަން. ﷲ އަހަރެންގެ މަސައްކަތް ފަނުފުލުން ދުއްވައިލައްވަނީ މި ބުނެވުނު ރަޙްމަތުގެ ސަބަބުން." އޭނާ ސިހުނެވެ. "އަހާނ... އަހަރެން ދައްކަމުން ދިޔައީ ކޮން ވާހަކައެއް؟"

"މަނިކުފާނު ދެއްކެވީ ޝިރުކްގެ ވާހަކަ." ބާތިލް އޭނާއަށް ހަނދާންކޮށް ދިނެވެ.

"އާނ. އަހަރެން ދައްކަމުން ދިޔައީ ޝިރުކްގެ ވާހަކަ. ﷲ ގެ ރަޙްމަތުގެ ހައްދެއް ނެތް ވާހަކަވެސް ބުނެފީމެއްނު. ﷲ އަންގަވައިފައި ވަނީ މުޝްރިކަކަށްޓަކައި ދުޢާ ނުކުރުމަށް. މުޝްރިކެއްގެ އިސްތިޣުފާރުވެސް ގަބޫލެއް ނުކުރައްވާނެ. ދެން ނިކަން ވިސްނާލަބަލަ. އެފަދަ ރަޙީމްވަންތަ ﷲ ޝަރީކު ކުރާ މީހާއަށް ޢަފޫ ނުކުރައްވާނީ އެއީ ކިހައި ބޮޑު ފާފައަކަށް ވާތީ."

"އާދެ... އާދެ. މާތް މަނިކުފާނު." އެތައް ދަރިވަރަކު އެއް ފަހަރާ ބުންޏެވެ.

"އެންމެ އާއްމު ފާފައަކީވެސް ޝަރީކު ކުރުން. އެއީ ވަރަށް ފަސޭހަވެސް ކަމެއް. އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް އެއީ. އިންސާނާއަށް ޝަރީކު ކުރާނޭ ގޮތް ދަސްކޮށް ދިނުމަކީ ވަރަށް ފަސޭހަ ކަމެއް."

"އެއީ ކިހިނެއްތޯ؟" ދަރިވަރަކު އަހައިލިއެވެ.

"ތެދުވެރި މުވައްޙިދަކަށް ޝަރީކު ކުރާން މަޖުބޫރު ކުރުވާނީ ކިހިނެއްތޯ؟" ސަގީލާ ސުވާލު ކޮށްލިއެވެ.

"ޝިރުކްގެ ދެ ދަރަޖައެއް އޮވޭ. އެއީ ފެންނާން ހުންނަ ޝިރުކާއި ވަންހަނާ ވެފައި އޮންނަ ޝިރުކް. ޝަރީކު ކުރަނީކަން ނުވެސް އެނގި ހުރެ ވަންހަނާ ވެފައި އޮންނަ ޝިރުކްގެ ތެރެއަށް އިންސާނާ ވެއްޓިދާނެ. އާދަވެސް ވެދާނެ. ނަތީޖާއަކީ އޭނާގެ އީމާންކަން ބަލިކަށިވުން. ބަލިކަށި ވެގެން ގޮސް ކުޑަކުޑަ ކަމަކާ ގުޅިގެންވެސް ﷲ ނޫން ފަރާތަކަށް ސަޖިދަ ޖަހައިފާނެ."

"އެއީ ކިހިނެއްތޯ؟" ސަގީލާ އަހައިލިއެވެ.

"އިތުރަށް ވިދާޅުވެ ދެއްވިދާނެތޯ؟" ބާތިލް ބުނެލިއެވެ.

"ޝަރީކު ކުރުމުން ސަލާމަތް ވެވޭނީ އީމާންކަން ވަރު ގަދަ ވެގެން. ފުރިހަމަ ވެގެން. ޝަރީކު ކުރާން ފެށުމާއެކު އިންސާނާ އީމާންކަމާ ދުރަށް ދާން ފަށައިފާނެ."

"އަދިވެސް އަޅުގަނޑުމެންނަކަށް ރަނގަޅަކަށް ނުވިސްނޭ." ދަރިވަރަކު ބުނެލިއެވެ.

"ރަނގަޅަށް ވިސްނާ. ހުރިހައި ސިއްރެއް ފޮރުވިފައި ވަނީ ﷲ ގެ އެންމެ އާޔަތެއްގައި. ހެއްވާ ކަަމަކީ އެ އާޔަތް ރެޔާއި ދުވާލު އެތައް ފަހަރަކު ކިޔަމުން ދާއިރުވެސް އިންސާނުންނަށް އެ އާޔަތުގެ ފުރިހަމަ މާނަ ފަހުމު ނުވާކަން. އެ އާޔަތް އެމީހުންގެ ހިތާ ހަމައަށް ވާސިލު ނުވާކަން. އެ އާޔަތަކީ ކޮބައިކަން އެނގޭތަ؟ އެއީ الحمد للّـه ربّ العالمين. މާާނައަކީ ހުރިހައި ޙަމްދަކާއި ސަނާއެއް ހައްގު ވެގެން ވަނީ ﷲ އަށޭ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަކީ އެއީއޭ. މި އާޔަތަށް ފުރިހަމައަށް އީމާންވެއްޖެ ނަމަ ޝިރްކުގެ ދޮރު އެކީގައި ބަންދު ވެދާނެ."

"އެއީ ކިހިނެއްތޯ؟"

"މި އާޔަތުން ބުނެދެނީ ކީކޭ؟ ޢާލަމްތަކުގައި، މި ދުނިޔެއާއި ދެންވެސް ހެއްދެވި ހުރިހައި ދުނިޔެއެއްގައި ހިނގާ ހުރިހައި ރަނގަޅުކަމެއް ހިނގަނީ ﷲ ގެ ސަބަބުންނޭ. އެކަލާނގެ އިރާދަފުޅުންނޭ. އެހެންވީމާ ހުރިހައި ޝުކުރަކާއި ސަނާއެއް ހައްގު ވެގެން ވަނީ އެކަލާނގެއަށޭ..."

"އަދި ހުރިހައި ނުބައި ކަމަކާއި ބަލާވެރިކަމެއްގެ ސަބަބަކީ މާތް މަނިކުފާނޭ... އެހެން ނޫންތޯ؟" ބާތިލް އަވަސްއަވަަހަށް ބުނެލިއެވެ.

"އާނ." އިބިލީސް ހީނގަތީމާ އޭނާގެ ކޮބަޑި ދަތްޕިލާ މުޅީން ފައުޅުވިއެވެ. "އަހަރެންގެ މަތިވެރި ކަމަކީ އެއީ... ކުރީންވެސް ބުނިހެން ހުރިހައި ރަނގަޅުކަމަކާއި ރަނގަޅު އެއްޗެއްގެ ހައްގުވެރިއަކީ ﷲ. މީހަކަށް ރަނގަޅު ކަމެއް މޮޅު ކަމެއް މެދުވެރި ވެއްޖެ ނަމަ އެކަމަށްޓަކައި ﷲ އަށް ޝުކުރު އަދާ ކުރާން ޖެހޭ. އެއީ އެ ހުރިހައި ކަމެއްގެ ސަބަބުވެރިއަކީ އެކަލާނގެ ކަމަށް ވާތީ. މީހަކަށް މެދުވެރިވާ މޮޅު ރަނގަޅު ހާލަތަކާ ގުޅިގެން އަމިއްލައަށް މޮޅުވެ އެއީ އަމިއްލައަށް ލިބިގަތް ކަމެއް ކަމަށް ހީކުރުމަކީ ކިބުރުވެރިވުން. ﷲ އެންމެ ރުހިވޮޑިގެން ނުވާ ކަމަކީ އެއީ. އޭގެ ހެއްކަކީ އަހަރެން. އަހަންނަށް ޖެހުނު ދަތުރު." އިބިލީސް އަމިއްލަ މޭގައި ތަޅައިގެންފިއެވެ. "އެއީ ކޮން ފަދަ މަތިވެރި މަގާމެއް... އަހަރެން ހުރީ ކޮން ފަދަ އުހަކަށް އަރައި... މިހާރުވެސް މާކަ ގޯހެއް ނޫން..."

"އާދެ... އާދެ. އެންމެ މަތިވެރީ މަނިކުފާނު." ދަރިވަރުން އެއް އަޑުން ގޮވައިލިއެވެ.

އިބިލީސް އަހައިލިއެވެ. "އަހަރެން ދެއްކީ ކޮން ވާހަކައެއް؟"

"މަނިކުފާނު ދެއްކެވީ ޝަރީކު ކުރުމާއި ކިބުރުވެރިކަމުގެ ވާހަކަ." ސަގީލާ ހަނދާންކޮށް ދިނެވެ.

"އާނ. ކިބުރުވެރިވުމަކީ އެއްވެސް މަޚްލޫޤަކަށް އޮތް ހައްގެއް ނޫން. ހުރިހައި ބޮޑުކަމަކާއި މަތިވެރިކަމަކާއި އޮތީ ހަމައެކަނި ﷲ އަށް. މަށީން ހެއްދެވި އިންސާނާއަށް އޮތީ ބަލިކަށިކަމާއި ނިކަމެތިކަން. އެ ނިކަމެތިކަމާއި ބަލިކަށިކަން އިންސާނާ ހަނދާން ނައްތައިލަނީ ވަރަށް އަވަހަށް. އެއީ އަހަރެެންގެ މަސައްކަތުގެ ނަތީޖާ."

"އެކަމަކު މަށިން ހެއްދެވި ތިޔަ ވިދާޅުވާ އިންސާނާއަށް ސަޖިދަ ޖަހާން އެހެން މަޚްލޫޤުންނަށް ﷲ އެންގެވިއެއް ނޫންތޯ؟ އެ އެންގެވުމުގެ ސަބަބުން މަނިކުފާނުގެ އަގު ވެއްޓޭތީ އިންކާރު ކުރެއްވީއެއް ނޫންތޯ؟" ބާތިލް ބުނެލިއެވެ.

"ސަޖިދަ ޖަހާން އެންގެވީ މަށީގެ ބުދަކަށް ނޫން. އެ ބުދުގައި ﷲ ލެއްވި އެކަލާނގެ ނޫރުފުޅަށް. އަހަރެން އެކަން ހަނދާން ނައްތައިލީ." އިބިލީސް މަކަރުވެރި ރާގަކަށް ބުނެލިއެވެ. "އަޅާނުލާ. ވެދިޔަ ކަމެއް ވެދިޔައީ. އަހަރެން އެ ކަމަކާ ދެރައެއް ނުވޭ. ލަދެއް ނުގަނޭ. ލަދު ނުގަތުމަކީ އަހަރެންގެ ޚާއްސަ ސިފައެއް. ލަދުހަޔާތްކުޑަކަމަކީ ކިބުރުވެރިކަމުގެ ބަނޑުން އުފަންވާ ދަރިއެއް."

(ނުނިމޭ)


އެޑިޓަރުގެ ނޯޓެއް:

މި ވާހަކައިގެ މަންޒަރުތައް ބަދަލުވުން ލަސްވާތީ ޝައުގުވެރިކަން ގެއްލޭ ކަމަށް ބައެއް ކިޔުންތެރިންގެ ޚިޔާލުފުޅުތަކުން ފާހަގަ ކުރެވެއެވެ. އެހެންވީމާ މިހާރު ގަސްތުކޮށްފައި ވަނީ މި ވާހަކަ ތަންކޮޅެއް ދިގުކޮށް ހަފުތާއަކު އެއް ދުވަހު (ހުކުރު ދުވަހު) ގެނެސްދޭށެވެ. އަދި މާދަމައިން ފެށިގެން ތިޔަ ބޭފުޅުން ޝައުގުވެރިވެ ވަޑައިގަންނަވާ ފަދަ ރީތި އެހެން ވާހަކައެއް ގެނެސްދޭށެވެ. އެއީ އާމިނަތު ސަޢީދު ތަރުޖަމާ ކުރައްވާ "ފުސްބިއްލޫރި" އެވެ. "ފުސްބިއްލޫރި" ހުކުރު ނޫން ކޮންމެ ދުވަހަކު އިރާދަކުރެއްވިއްޔާ ޝާއިއު ކުރާނަމެވެ.

9 ޚިޔާލު

  1. އަޅޭ.ހާދަ ދެރައޭ.އަޣުލަބިއްޔަތާ އަގުލިއްޔަތަށް ބައްލަވާފަ ގޮތެއް ނިންމެވިނަމަ.
    ގައިމު ފަނާރު މިވާހަކަ ކިޔަނީ ވަރަށް ކިޔާހިތުން.ވަރަށް ރަނގަޅު އިބުރަތްތެރި ވާހަކައެއް .
    ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވާހަކަ ގެނެސްދޭއިރު ކިޔުންތެރިން ބޭނުންވާހާ ދިގުކޮށް ގެނެސްނުދެވޭނެކަން ކިޔުންތެރިން ގަބޫލުކުރަންވެސް ވާނެ .
    މިއާދާ ވާހަކަ ގޮތަށް މިވާހަކަ އެކަށް ހުއްޓާނުލާ ހަފްތާއަކު އެއް ދުވަހު ވިޔަސް ގެނެސްދެއްވަން ނިންމެވިކަމަށްޓަކާ ނަޢީމަށް ޝުކުރުދަންނަވަން.

  2. މިއީ އާފަތިސްކިޔާމީހާ އާއި ކަމަނަގެ ކަންތަކޭ.އަހަރެމެން ނުލާހިކު ޝައުގުގަ މި އިބުރަތްތެރި ވާހަކަ ކިޔަމު. .ތިކުރި ކަމަކުން ނިކުތް ނަތީޖާ ނިކަން ދެކިބަލަ.?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.