ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ހޯމް މިނިސްޓަރ ސުލޭމާނު ޞޮއިލޫ ވިދާޅުވެއެވެ.
ސުލޭމާނު މިހެން ވިދާޅުވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސުލޭމާނާއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ.
ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޚާއްޞަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް އަންނަނީ ދެއްވަމުންނެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހޯމް މިނިސްޓަރ ޢިމްރާން ގެންދަވަނީ ބޭރުގެ ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރައްވަމުންނެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފައި ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވިއެވެ.
ޖަލު އޮފިސަރުން ތަމްރީނުކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް މިދައުރުގެ މިހާތަނަށްވެސް ވަނީ ކުރިއަށް ގެންދަވާފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރަސްމީ ބައްދަލުވުންތަކުގެ އިތުރަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއެކު މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުގެ ޝަރަފްގައި ތުރުކީގެ މިނިސްޓަރ ވަނީ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވައިފައެވެ.
މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.