ޢުމުރުން ދެ އަހަރުނުވާ ކުޑަކުއްޖަކު ގއ. ކަނޑުހުޅުދޫގައި، ރޭޕުކުރި މައްސަލާގައި ހިމެނޭ އެއްވެސް މީހަކާ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) މުޙައްމަދު ރިޔާޒާ ގުޅުމެއްނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ މައްސަލާގައި ހިމެނޭ ބައެއް މީހުންނަކީ ރިޔާޒާ ވަރަށްގާތް ބައެއް ކަމަށާއި އެމީހުންގެ ދިފާޢުގައި ރިޔާޒު މަސައްކަތް ކުރައްވާ ކަމަށް ބުނެ އަޑު ފެތުރުމުން ފުލުހުންވަނީ އެކަން ކުށްވެރިކުރައްވައި އެކަން ދޮގުވެސް ކުރައްވައިފައެވެ. ފުލުހުން ވަނީ މަޢުލޫމަތެއް ފެތުރުމުގެ ކުރިން އެކަމެއް ޔަގީން ކުރުމަށްފަހު ނޫނީ ނުފެތުރުމަށް އިލްތިމާސް ކުރައްވައިފައެވެ.
އެކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ވަނީ ކުއްޖާގެ ކާފައާއި މުނިކާފަ ބަންދުކޮށްފައެވެ. އަދި ކުއްޖާގެ ބައްޕަވެސް ބަންދު ކުރުމަށްފަހު އިއްޔެވަނީ ދޫކޮށްލައިފައެވެ. އޭނާ ދޫކޮށްލީ މައްސަލައިގެ ތަހުގީގު ނިމި މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު ޕީޖީގެ ލަފާގެ މަތީންނެވެ.
ކުއްޖާގެ ބައްޕަގެ އިތުރުން މަންމައަށް ވެސް ވަނީ ދާއުވާ ކުރަން ފޮނުވައިފައެވެ. އެ ދެމީހުންގެ މައްޗަށް ދަޢުވާ ކުރަނީ ކުއްޖާއަށް ޖިންސީގޯނާކުރާ ކަން އެނގިތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ނުއެންގި މައްސަލާގައެވެ. އެގޮތަށް ނުއެންގެމަކީ ކުއްޖާއަށް އިހުމާލުވުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.