ހުޅުމާލޭގައި މީހަކު މަރާލައިފި

ހުޅުމާލޭގައި މީހަކަށް ވަޅިން ޙަމަލާދީ މިރޭ މަރާލައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ގޮވައިގެން ހުޅުމާލެ ހޮސްޕޮޓަލަށް ދިޔައިރުވެސް މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވި ކަމަށެވެ.

ޢުމުރުން 59 އަހަރުގެ އެމީހާ މަރާލައިފައި އޮއްވައި ފެނިފައިވަނީ ހުޅުމާލޭ ހިތިމަގުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ޒަޚަމްތަކަކާއެކު އޮތް މީހަކު މަގުމަތީގައި އޮތް ޚަބަރު ފުލުހުންނަށް މިރޭ 9:07 ގައި ލިބެގެން އެމްބިޔުލާންސްގައި އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ 9:50 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރާލައިފައިވަނީ ހަނި ގޯޅިއެއްގެ ތެރޭގައެވެ. އެމީހާ ދުއްވި ކާރުވެސް އެގޯޅިގަނޑު ތެރޭގައި އެބައޮތް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަރާލައިފައިވަނީ ޓެކްސީކުރަން އުޅޭ މީހެކެވެ. ފުލުހުން މިހާރު ގެންދަނީ މީހުންނާއި ވެހިކަލްތައް ޗެކްކޮށް އެމީހާ މަރާލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.