އިންޑިއާ އިން ރާއްޖެ އަށް ބޮޑެތި އެހިތަކެއް މިއަދު ދީފިއެވެ.
އިންޑިއާއިން މިއަދު ދިން އޭހީގެ ތެރޭގައި ރާއްޖެއަށް ރުޕޭކާޑު ތަޢާރަފްކުރުމާއި، ތިން ސަރަޙައްދެއްގައި ތިން މަސްފެކްޓްރީ އެޅުމާއި، މާލޭގެ މަގުބައްތިތައް ލެޑު ލައިޓަށް ބަދަލުކުރުމާއި ދުވެލި ބާރު އުޅަނދެއް ކޯސްޓްގާޑަށް ހަދިޔާ ކުރުން ހިމެނެއެވެ.
ރާއްޖެއަށް ދެއްވި މިއެހީތައް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެދުރަ މޯދީއެވެ. އޭނާ އެހީތައް އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިއެހީތަކާ ރާއްޖޭގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާއި، ބީއެމްއެލްގެ ސީއީއޯ އެވެ.
ރާއްޖެއަށް ހަދިޔާ ކޮށްދެއްވި މަސް ފެކްޓްރީތައް އެޅުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގެ 3 ރަށެއްގައެވެ. މިއީ ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.
މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައިވަނީ އިންޑިއާގެ އެހީތެރިކަމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދަކީ އިންޑިއާއި ރާއްޖެއާ ދެމެދުއޮންނަ ޒަމާންވީ ރަޙުމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދިޔަ ދުވަހެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާއިން ގާއިމްކޮށްދެއްވާ ތިން މަސް ޕްލާންޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ވަޒީފާތައް އިތުރުވެ މަސްވެރިންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯސްޓްގާޑު އުޅަނދާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އެއީ އެމްއެންޑީއެފަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދެޤައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ދާނީ އިތުރުވަމުން ކަމަށެވެ. އިންޑިއާއިން ހަދިޔާ ކުރި "ކާމިޔާބު" ނަމަކަށް ކިޔާ ކޯސްޓުގާޑު އުޅަނދަކީ އަލަށް ބަނދެފައިވާ އެއްޗެއެވެ.
މިއީ ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ޤައުމަކުން މިފަދަ ބޮޑުއެހީއެއް ދެއްވި ފުރަތަމަ ރަސްމިއްޔާތު ކަމަށް ރައީސް އޮފީހުންވަނީ ފާހަގަ ކުރައްވައިފައެވެ.