ޕޮރެސެކިއުޓަރ ޖެނެރަލް ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ޙުސައިން ޝަމީމު އެމަޤާމަށް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފިއެވެ.
ޝަމީމްގެ ނަން ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ބޭފުޅުންގެ އިއްތިފާގުންނެވެ. އެމަޤާމަށް ޝަމީމު އައްޔަން ކުރައްވަން އެދިވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަޖިލީހަށް ފޮނުވުމާއެކު އިއްޔެވަނީ އޭނާގެ ނަން ކޮމީޓިއަށް ފޮނުވައިފައެވެ.
ޙުސައިން ޝަމީމަކީ މީގެ ކުރިން ޑެޕިޔުޓީ ޕްރޮސެކިއުޓަރޖެނެރަލްކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާއަކީ މިސްރުގެ އަޒުހަރު ޔުނިވަރުސިޓީން ތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެއް ވެސް މެއެވެ.
ޕީޖީގެ މަގާމު ހުސްވީ އެންމެފަހުން އެ މަޤާމު ފުރުއްވަމުން ގެންދެވި ޢާއިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ނޮވެމްބަރ 28 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންނެވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އިސްތިއުފާ ޤަބޫކުކުރައްވައި އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދީ އޭނާއަށް ފާހަގަތި މުސްތަގުބަލަކަށް އެދިވަޑައި ގަންނަވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޝަމީމްގެ އިތުރުން ދެން ކުރީގެ ޑެޕިޔުޓީ ޕީޖީ މަރިޔަމް ނިހާޔަތާއި، ޤާނޫނީ ވަކީލެއް ކަމަށްވާ އަޙުމަދު ޒަނީން ކުރިމަތި ލެއްވިއެވެ.