އުއްތަމަ ފަނޑިޔާރު ކަމަށް މުޢުތަސިމް ޢަދުނާން އައްޔަން ކުރަނީ

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް އަލްއުސްތާޒޫ މުޢުތަސިމް ޢަދުނާން އައްޔަން ކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވައިފިއެވެ.

އޭނާގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ރައީށް ވަނީ އައްލްއުސްތާޒު ޙުސްނުއްސުޢޫދުގެ ނަންވެސް މަޖިލީހަށް ފޮނުއްވައިފައެވެ. މި ދެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކަމަށް ރައީސަށް މަޝްވަރާ ދެއްވުމުންނެވެ.

މި ދެބޭފުޅުންގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ޢަބްދުއްރައޫފް އިބްރާހީމްގެ ނަން ވެސް ރައީސް ޖޭއެސްސީއަށް ފޮނުއްވިއެވެ. އެހެންނަމަވެސް އޭނާއަށް ބެހޭ ގޮތުން ޝަކުވާތަކެއް އައިސްފައިވާ އޭނާއާ ބެހޭ ގޮތުން ރައީސަށް ލަފާއަރުވާނީ އެމައްސަލަތައް ބެއްލެވުމަށްފަހު ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އުއްތަމަފަނޑިޔާރާއެކު ސުޕްރީމް ކޯޓުންވަނީ ތިން ފަނޑިޔާރެއްގެ މަގާމު ހުސްފައެވެ. އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި ޑރ. އަޙުމަދު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރެއްވުމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ ވެސް ސުލޫކީ މައްސަލައަކާ ގުޅިގެން މަޖިލީހުން ވަނީ އޭނާ ވެސް ވަކިކޮށްފައެވެ. އޭގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފް ވަނީ މަޤާމުން ރިޓަޔަރ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.