އެޗުއާރުސީއެމުން ރައީސް ޔާމީނާ ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗުއާރުސީއެމް) އިން ރާއްޖެގޭ ކުރީގެ ރައީސުލްޖުމްހުރިއްޔާ ކުރިން ހުންނެވި މާލޭ ޖަލަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވައިފިއެވެ.

ކަރެކްޝަނަލް ސާރވިސް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ އެޗުއާރުސީއެމުން ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވުމުން އެފުރުސަތު ދެއްވި ކަމަށެވެ. އެތަނުން ރައީސް ޔާމީނާ ބައްދަލުކުރެއްވީ ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށްވެސް ކަރެކްޝަނުން ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ ނާއިބު ރައީސް އަޙުމަދު ޒާހިދު ވިދާޅުވީ އެތަނުގެ ފަރާތުން މާލޭ ޖަލަށް ވަޑައިގެންނެވި ކަމަށެވެ. އޭނާ ވިދާޅުވީ ޖަލުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ސަރުކާރުން ގެންދަވަނީ މިހާރުވެސް ކަންކަން ބަދަލު ކުރައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރު ވާހަކައެއް އޭނާ ނުދައްކަވައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޙުކުމެއް ކުރެއްވުމަށްފަހު ޙުކުމް ތަންފީޒު ކުރެއްވުމަށް ފުރަތަމަ ބެހެއްޓެވީ މާލޭ ޖަލުގައެވެ. އެހެންނަމަވެސް ޖަލުގައި އެމަނިކުފާނު ބަހައްޓާފައި ހުންނެވި ގޮޅީގެ ޙާލަތު ވަރަށް ދެރަކަމަށާއި ފާޚާނާގެ ނިޒާމުގެ ޙާލަތު އެހާ ދެރަކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން މިއަދު ވަނީ ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރައްވައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ ފަސް އަހަރުގެ ޙުކުމެއް އިއްވުމުގެ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްއާއި އެޕާޓީގެ އިސްބޭފުޅުން ގެންދަވަނީ އެ ޙުކުބް ބަލައި ނުގަންނަ ކަމަށް ބުނަމުންނެވެ. އަދި އެކަމާ ދެކޮޅު އިހުތިޖާޖުތަކެއް މިހާރު ވަނީ ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.