ޚިޔާލު ތަފާތުވާ ކަންކަމުގައިވެސް ގައުމީ މަސްލަހަތު ކުރިއަށް ނެރެން ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތުވާ ކަންކަމުގައިވެސް، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު ކުރިއަށްނެރެ، ނަމޫނާ ދައްކަވާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ، ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މި ދުވަސް ފާހަގަކުރަމުން އަންނަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމުގެ ގޮތުންކަމަށް ފާހަގަކުރެއްވިއެވެ. އަދި ސުނާމީ ކާރިސާއަކީ، ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެބޮޑު ނުރައްކާތެރި ޤުދުރަތީ ހާދިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން، އެ ހާދިސާގެ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތައް މިހާރުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވަމުންދާކަމަށާ ދިވެހިރާއްޖޭގައި ވަކިވަކިން މިއޮތް ޖަޒީރާ ރަށްތަކުގެ ރައްޔިތުން، އެ ކާރިސާއާ ގުޅިގެން ކުރިމަތިލާންޖެހުނު ހިތްދަތިކަމާއި، އެތައް ދުވަހެއްވަންދެން އުޅެންޖެހުނު ހިތްދަތި ގޮތްތައް، މިހާރުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި އާވެ އާލާވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސުނާމީ ކާރިސާގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުނު ދަނޑިވަޅުގައި ފެނިގެންދިޔައީ، އަމިއްލަ ފުރާނައަށްވުރެ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް އަޅުގަނޑުމެންދިން އަހަންމިއްޔަތާ ރައްޔިތުންގެ ރައްކާތެރިކަމަށް ދިން ސަމާލުކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި، މި މަތިވެރި ނަމޫނާއިން މިއަދުވެސް ޢިބްރަތް ހާސިލުކޮށް، ޤައުމުގެ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އާކުރުމަކީ، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.