އިސްލާމިކް މިނިސްޓްރީއަށް ޕީއެސް އެއް އައްޔަން ކުރައްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން އެމަޤާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ ޢަބްދުލްޙަސީބް އިސްމާޢީލެވެ. އޭނާ އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޢަބްދުލްޙަސީބް އިސްމާޢީލް އަކީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލް ކުރައްވަވައި އަދި ބެންގަލޫރ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ކޮމާސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެއް ކަމަށް ސިވިލް ސާވިސްކޮމިޝަނުން ވިދާޅުވިއެވެ. ޢަބްދުލްޙަސީބް އިސްމާޢީލް ދައުލަތުގެ ޚިދުމަތާއި ގުޅުނީ 2002 ވަނަ އަހަރުގައެވެ. އޭނާ މިހާތަނަށް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރުކަން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގުވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށް ޑރ. ޝަމީމް އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.