އަލިފާނުގެ ޙާދިސާ: ފިހުނު އެއްވެސް މީހަކު ސީރިއަސްއެއްނޫން: އައިޖީއެމްޗު

މިއަދު ހަވީރު 3:45 އެހައިކަންހާއިރު މާލެސިޓީ ޓީ ޖެޓީ ސަރަޙައްދުގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫން ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އިން ބުނެފިއެވެ.

އަލިފާނުގެ ޙާދިސާގައި އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖުމްލަ  9 މީހުންނެވެ. އޭގެ ތެރެއިން ފަރުވާ ދިނުމަށްފަހު 2 މީހަކުވަނީ ދޫކޮށްލައިފައެވެ. އެކަކަށްދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ދެ މީހަކަށް ފަރުވާ ދެމުން ގެންދަނީ އެޗުޑީޔޫގައެވެ. 4 މީހަކަށް ފަރުވާ ދެމުން ގެންދަނީ ވޯޑުގައި އެޑުމިޓް ކޮށްގެންނެވެ. މި މީހުންނަށްވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެއްވެސް މީހަކު ސީރިއަސް ނޫން ކަމަށް އެއިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވިއެވެ.

އަލިފާނުގެ މިޙާދިސާ މި ހިނގީ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ޙާދިސާއަކަށް ދެ ހަފްތާ ވެސް ނުވަނީސްއެވެ. އެ ޙާދިސާގައި ވަނީ އެކަކު ނިޔާވެއެވެ. އަދި 6 ގެއަކާއި 4 ގުދަނެއް ވަނީ އަނދައިފައެވެ.

ޓީ ޖެޓީސަރަޙައްދުގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާގައި ފުރަތަމަ ރޯވި ކަމަށްވަނީ އުކުޅަހު ލޯންޗެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަހުން 2 ތެޔޮލޮރީއެއްގައި ވަނީ ރޯވެފައެވެ.

އެ ސަރަޙައްދަކީ ގިނަޢަދަދެއްގެ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރު ޙަރަކާތްތެރިވާ ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. ތެޔޮ ލޮރީތަކުގައި ރޯވުމުން އެމްއެންޑީއެފާއި ފުލުހުން ވަނީ އެސަރަޙައްދުގައި ހުރި އެހެން ވެހިކަލްތައް ދުރަށް ޖައްސައިފައެވެ.

މި ޙާދިސާގައި ރޯވި ލޯންޗު ދުރަށް ގެންގޮސްގެން ފޯމް ބޭނުންކޮށްގެން އަލިފާން ކޮންޓްރޯލް ވެފައިވަނީ ހަވީރު 5:09 އެހައިކަންހާއިރު އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.