ނަރުހުން ނަމޫނާއަކަށް ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ނަރުހުންގެ ދާއިރާއަށް އަލަށް ގުޅޭނަރުހުންގެ ނަމޫނާއަކަށް ވުމަށް ޚިދުމަތުގައި މިހާރުތިބި ނަރުހުން ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ "ނަރސިންގ ނައު މޯލްޑިވްސް" އިފްތިތާޙު ކުރެއްވުމަށް މިރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ނަރުހުންނަކީ އިންސާނިއްޔަތު ކަމުގެ ވަރަށްމަތިވެރި ޚިދުމަތެއް ކުރައްވަމުން ގެންދަވާ ބައެއްކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ހުރިހާ ނަރުހުންނަށް ކުރާ އިލްތިމާސަކީ، ތިޔަބޭފުޅުންނަކީ އިންސާނިއްޔަތުކަމުގެ ވަރަށް މަތިވެރި ޚިދުމަތެއްގައި ތިއްބަވާ ބޭފުޅުން ކަމަށްވާހިނދު، މި ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ނަރުހުންނަށް، ރިވެތި ނަމޫނާއަކަށް ވެވަޑައިގަތުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ބިނާވެފައި އޮންނަނީ، އެ ޚިދުމަތް ދެއްވަން ތިއްބެވި ބޭފުޅުންގެއޯގާތެރިކަމާއި، ހިތްހެޔޮކަމާއި، އެހީތެރިކަމުގެ މައްޗަށްކަން އެބޭފުޅުން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ޚިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިއީ އެމަނިކުފާނުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވާނެ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަފާތު ސަބަބުތަކާހުރެ، ޚިދުމަތުގައި ދެމިތިބުމަށް ދަތިވެފައިވާ ނަރުހުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީވެސް ބޭނުންތެރި ކަމެއް ކަމަށާއި، އެކަން ޙައްލުކުރުމަށްޓަކައި، ޕާޓްޓައިމްކޮށް ޚިދުމަތް ކުރެވޭނެ މޮޑެލްތަކެއް ބަލައި، ޢަމަލީ ސިފަ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ އިފްތިތާހު ކޮށްދެއްވި "ނަރސިންގ ނައު ކެމްޕޭން" އަކީ، ރާއްޖޭގެ މިހާރުގެ ޞިއްޙީ ޙާލަތަށް ބަލާއިރު، ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އަހަރަކީ  ޢާންމު ޞިއްޙަތަށް ވަރަށްބޮޑު އިސްކަމެއް ދޭން ނިންމާފައިވާ އަހަރަކަށްވާތީ، މި ކެމްޕޭންގެ މުހިންމުކަން ވަކިން ބޮޑުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ފުރިހަމަކޮށް ހަރުދަނާ ކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށްވެސް މިއީ ވަރަށް މުހިންމު ކެމްޕޭނެއް،" ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، މި ކެމްޕޭން ކުރިއަށް ގެންދިޔުމަށް ނިންމެވި ކަމަށްޓަކައި، ދިވެހި ނަރުހުންގެ ޖަމްޢިއްޔާ އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ މެމްބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައި އިންޖީނަކީ، އަދި ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު ވަސީލަތަކީ ޞިއްޙީ  އެހީތެރިން ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ބަޔަކީ ނަރުހުން ކަމަށްވެސް ވިދާޅުވިއެވެ. ޞިއްޙީ ޚިދުމަތުގައި ނަރުހުންގެ މުހިންމުކަން ބޮޑުވަނީ، ބަލިމީހުންނާ އެންމެ ގާތުން ޚިދުމަތްދޭ ބަޔަކީ އެމީހުންނަށް ވުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައިން ގަޔަށް އަރާ ބައެއް ބަލިތައް ނައްތައިލެވުނީ ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި ނަރުހުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ވަރަށްގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި އެންމެހައި ޞިއްޙީ ޚިދުމަތްތެރިންނާއި، ޞިއްޙީ ޚިދުމަތްދޭ، ސަރުކާރުގެ މަރުކަޒުތަކާއި، އަމިއްލަ މީހުންގެ ކްލިނިކްތަކާއި ހޮސްޕިޓަލްތައް ގުޅިގެން ކުރި މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަ ގޮތެއްގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫ.އެޗް.އޯ) އިން، ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަމަށްދޭ ސަމާލުކަމަށްޓަކައި، އެ ޖަމްޢިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.