ރިލްވާންގެ މަރުގެ ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނަން: ރައީސުލްޖުމްހޫރިއްޔާ

ފޮޓޯ: ރައިސް އޮފީސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ރިޕޯރޓް ގައި ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބާރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވެފައި ވަނީ މިއަދު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ ރިލްވާން ރަހީންކޮށް މަރާލައި ކަނޑުފެއްތުމަކީ ދައުލަތުން ބައިވެރިވެގެން ހިންގާފައިވާ ބޮޑު ލާއިންސާނީ ޖަރީމާއެއް ކަމަށް އެ ރިޕޯޓާ ގުޅިގެން މަޖިލީހުގައި ކުރެވުނު ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނެއް އެމަނިކުފާނު އެކުލަވާލެއްވުމުގެ އެއް މަޤްޞަދަކީ ރިލްވާނަށް ވީގޮތް ހޯދައި އެކަންކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. އަދި އެފަދަ ކަމެއް މުޖަތަމަޢުގައި އަލުން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމެވެ.

ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައިވާ ގޮތުން ނޫސްވެރިޔާ ރިލްވާން އަބްދުﷲ މަރާލާއިފައި ވަނީ ކާރެއްގައި ރަހީނުކޮށް،ޑިންގީއެއްގައި ގެންގޮސް ދޯންޏަކަށް އަރުވައިގެން ބޯ ބުރިކޮށްލައިގެންނެނެވެ. އޭގެ ފަހުންފަހު އޭނާގެ ހަށިގަނޑު ވަނީ ކަނޑު ފައްތާފައިކަން މަރުތަކާބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެވެ.

ރިލްވާން ޢަބްދުﷲ ގެއްލުވާލައިފައިވާ މައްސަލައިގެ ތަޙްޤީޤުން ރިލްވާން ޢަބްދުﷲ މަރާލާފައިވާ ކަމަށް ހެކިލިބިވާކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ހޯދުނު މަޢުލޫމާތުތަކުން ރިލްވާން ޢަބްދުﷲ ކިޑްނައިޕްކޮށް މަރާލީ ސީރިއާއަށް ދިވެހިން ފޮނުވުމުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާޢތަކުން ކަން ހެނކިންގެ ހެކި ބަހުން ހޯދިފައިވާކަމަށް ކޮމިޝަންގެ ރައީސް ޝިޢޫދު ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.