އިންތިޚާބާމެދު ޝައްކުވާ ކަންތައްތަކެއް އެބަހުރި: ބަޝީރު

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި އެޕާޓގެ ޗެއާޕާސަން ޙަސަން ލަތީފް ވޯޓު ލައްވަނީ: ފޮޓޯ އެމްޑީޕީ

ނޮވެމްބަރު 22 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ނާއިބު ރައީސްގެ މަޤާމަށް ވާދަކުރެއްވި މުޙައްމަދު އަސްލަމް ފަރާތުން އިންތިޚާބާ މެދު ޝައްކު އުފައްދައިފިއެވެ.

އަސްލަމްގެ ކެމްޕޭން މެނޭޖަރ މުޙައްމަދު ބަޝީރު ވިދާޅުވީ އިންތިޚާބުގެ އިތުރުން ވޯޓުގައި ވެސް މައްސަލަތަކެއް ހުރިކަމަށް ޝައްކުކުރެވޭ ކަމަށެވެ. އެގޮތުން އިތުރަށް ވޯޓުލައިފައިވާ ކަމަށާއި، ވޯޓު ފޮށި ނުބަހައްޓާ ރަށްރަށުން ވޯޓުލައިފައިވުން ފަދަ ކަންކަން ހިނގާފައިވާ ކަމާމެދު އޭނާ ވަނީ ޝައްކު އުފައްދައިފައެވެ. ބަޝީރު ވިދާޅުވީ މިކަންތައްތައް ބަލަމުންދާ ކަމަށާއި ބެލުމަށްފަހު ވަރަށް އަވަހަށް ފުލް ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅާނެ ކަމަށެވެ. "އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރިކަމަށް ޝައްކު ކުރެވޭތީ މިވަގުތު އެފަދަ މައްސަލަތައް ދެނެގަނެ ބަލަމުންދާ ވާހަކަ ބުނެލަން. އެފަދަ ކަމެއް އެނގޭނަމަ، ވައިބާ މެދުވެރިކޮށް 9120975 ނަމްބަރަށް މެސެޖުމ ފޮޓޯ، ވީޑިއޯ ފޮނުވައި ދެއްވުން އެދެން،" އަސްލަމްގެ ކެމްޕޭން ޓީމުން ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

މިއިންތިޚާބުގައި އަސްލަމް ވާދަކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒާއެވެ. އޭނާއާ ވާދަކުރައްވައި އަސްލަމަށްވަނީ ނާކާމިޔާބު ވެފައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ޝިފާޒު ވިދާޅުވީ އޭނާއަށް ވޯޓު ދިން އެންމެނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.