ހުސް ބިންތައް އުފެއްދުމަށް މާލޭގައި ސަރުކާރުގެ އިތުރު އިމާރާތްތައް ހެދުން މަދުކުރަނީ

މާލޭގައި ހުސް ބިންތައް އުފެއްދުމަށް ސަރުކާރުގެ އިތުރު ޢިމާރާތްތައް މާލޭގައި ހެދުން މަދުކުރަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ލޮނު ޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މާލެ ހިތްފަސޭހަކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި  އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައިވާކަމަށެވެ. ނަމަވެސް މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، ބޭނުންވާ މިންވަރަށް އެކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު ޢިމާރާތްތައް މާލޭގައި ހެދުން މަދުކުރަމުންއަންނަ ކަމަށެވެ. 

މާލެފަދަ ކުޑަކުޑަ ބިމެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، ޢާންމު ޞިއްޙަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ނޭދެވޭ އަސަރު ފޯރާ ކަމެއްކަން ރައީސް  ޞާލިޙް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މާލޭގައި ހުސްބިންތައް އުފައްދައި، ޢާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައިވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަ ކުރެއްވިއެވެ. 

ކޯވިޑްގެ ދަތި އުނދަގޫ ޙާލަތެއްގައި ތިބެން ޖެހުމުން ޕާކުތަކާއި މައިޒާންތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމުގެ ފުރުޞަތު މިހާރު ނެތްކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. ނަމަވެސް، ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު  އެފަދަތަންތަނުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

"ކޯވިޑް-19ގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ވަނީ ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ ޢަދަދު އިތުރުވެފައި. މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް، ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ، ހާސްކަމާއި ކަންބޮޑުވުންތަކަށް، ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ" ރައީސް ވިދާޅުވިއެވެ. 

މާލޭގެ ނުތަނަވަސްކަން ފިލުވައި، ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެއީ ހަމައެކަނި ޕާކުތައް ހެދުމާއި، ޕާކް ކުރާނެ ޖަގަހަތައް ހެދުން ނޫންކަމަށް ވިދާޅުވިއެވެ.  މާލެއަށް އުފަން ރައްޔިތުންނަށް، މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ، މާލޭގެ މައްސަލަތަކަށް ބޭނުންވާ، ވަރަށް އަވަސް ޙައްލެއްކަމަށް ވިދާޅުވިއެވެ.  އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި، އެންމެ އިސްކަންދީގެން ކުރާނެ އެއްކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ ޢަމަލީބައި ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ. އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑު އުންމީދުކުރަނީ، މި ޕާކުގެ ސަބަބުން، މާލޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް، ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށް. މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް، މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަން ރޭވިފައި އެބަހުރި. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައިވެސް، މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ" ލޮނުޒިޔާރަތް ޕާކްހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.