ކުޅިވަރަކީ ހަށިގަނޑަށް ދޭންޖެހޭ ޙައްގެއް: އެޑިޔުކޭޝަން މިނިސްޓަރ

ކުޅިވަރަކީ ހަށިގަނޑަށް ލިބިދޭންޖެހޭ ޙައްގެއް ކަމަށާއި އެއީ ސިއްހަތަށްޓަކައި މުޅި ޢުމުރުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ކަލަރސް އެވޯޑު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެގޮތަށްބަލާއިރު އެކަށީގެންވާ ކުޅިވަރަކީ، ޤައުމީ ތަރައްޤީއަށް ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ.  "ކަމެއް ދިރިއުޅުމުގެ އާދައަކަށް ހެދޭނީ، އެކަމެއް ޅަފަތުގައި ފަރިތަކޮށްގެން. ޒުވާން ފުރާގައާއި ހަރު ދުވަސްވަރާއި މުސްކުޅި އުމުރުގައި ކަސްރަތުކޮށް އުޅޭނީ، ކުޅިވަރު ކުޅޭނީ، މަދަރުސާ ދައުރުގައި ކުޅިވަރު ކުޅެ އުޅޭނަމަ. ފިކުރީގޮތުން ދުޅަހެޔޮވިޔަސް، ހަމަ ކޮންމެ ކުއްޖެއް ޞިއްޙީ ގޮތުންވެސް ދޮޅަހިވާން ވާނެ. ކުޅިވަރަކީ މުޅި ޙަޔާތުގެ ހުރިހާ ދުވަސްވަރަކު ކުރާ ކަމަކަށް ވާންވާނެ. އެއީ ހަށިގަނޑަށް ދޭންޖެހޭ ޙައްޤެއް. ދިރިއުޅުމުގެ އާދައަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުޅިވަރު ކުޅުމާއި ޙަރަކާތްތެރި ދިރިއުޅުމެއް ނޫޅޭ ނަމަ، ތަފާތު އެކި ބަލިތައް މީހުންނަށް ޖެހުން އަވަސްވާ ކަމަށެވެ. ބަލިތައް ގިނަވުމުން މަސައްކަތަށް ނުވަތަ ވަޒީފާއަށް ސަލާން ބުނުން ގިނަވާ ކަމަށާއި އަދި މަސައްކަތް ކުރަން ދަތިވެ އުފެއްދުންތެރިކަން ދަށްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ޞިއްޙީ ގޮތުން ބަލާއިރު، ވޭތިވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި، ގައިން ގަޔަށް ނާރާ ބަލިތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން. ޚާއްޞަކޮށް، ރާއްޖޭގައި ފަލަމީހުންގެ ނިސްބަތް މަތި. ހަށިގަނޑު މާބޮޑަށް ފަލަވުމަކީ، ޙަރަކާތްތެރިކަން ކުޑަވެ، ކަންނެތްކަން ބޮޑުވެ، ލިވަރ އާއި ކިޑްނީ އާއި ހިތުގެ ބަލިތައް ގިނަވާކަމެއް. ކެންސަރު ޖެހުމާއި ކަށިތައް ބަލިވުން އިތުރުވާކަމެއް. މި ދެންނެވި ބަލިތަކުން ދިފާޢުވުމަށް އަޅުގަނޑުމެން އެންމެން ކުޅިވަރާއި ކަސްރަތުގައި ބައިވެރިވާން ޖެހޭ. ކުޅިވަރާއި ކަސްރަތަކީ ދިރިއުޅުމުގެ އާދައަކަށް ހަދަން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސްކޫލް ދަރިވަރުން ސިފަކުރައްވާފައިވަނީ ބަގީޗާއެއްގައި އަޅާ މާމެލާމެލީ ގޮތުގައެވެ. އެކަމަނީ ވިދާޅުވީ އެކި މާމަލުގެ ސިފަ ތަފާތުވާ ފަދައިން، ކޮންމެ ދަރިވަރަކީ ވެސް ތަފާތު ކުއްޖެއް ކަމަށެވެ. "އެކި ކުދިން ޠަބީޢީ ގޮތުން މޮޅުވަނީ އެކި ކަންކަމަށް. ބައެއް ކުދިން، ސައިންސް އަށް، އަނެއް ބައިކުދިން ދުވުމަށް، ބައެއް ކުދިން ފުންމުމަށް، ބައެއް ކުދިން ވޮލީއަށް ނުވަތަ ފުޓުބޯޅައަށް ނުވަތަ ވެލްޑިން ކުރުމަށް. ކޮންމެ ކަމަކީ ވެސް ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ހަމަ އެންމެ ރަނގަޅު ކަންތައް. ކޮންމެ ދަރިވަރަކީ ވެސް އެކުއްޖެއްގެ ގޮތުގައި ރަނގަޅު ދަރިވަރެއް،" މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މުދައްރިސުން "ނަރުގިސް ގަހެއްގައި ކަރަންކާ މަލެއް އަޅުވަން އުޅެފިނަމަ، އެކުރެވެނީ ބޭކާރު ކަމެއް،" ކަމަށެވެ. އެހެން ކަމުން މަސައްކަތް ކުރަންވާނީ "ކޮންމެ ގަހެއްގައި އޭގެ ޠަބީޢީ މައު އެދެވޭގޮތުގައި ފަރިކުރުވާން. ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ޠަބީޢީ ޤާބިލްކަން ފާހަގަކޮށް އެ ޤާބިލްކަން ކުރިއަރުވައި ފުރިހަމަ ކުރާން،" މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނޫނީ މާތައް ގުރުޑުވެގެން ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެކިކުޅިވަރު ރޭ އެވޯޑު ހޯދި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.