ނާސްތާ ޕްރޮގްރާމުގެ ސަބަބުން ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލުއައި: މިނިސްޓަރ

ފޮޓޯ: މިނިސްޓްރި އޮފް އެޑިއުކޭޝަން

މިސަރުކާރުން މިއަހަރު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމު ވަރަށް ކާމިޔާބު ކަމަށާއި އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އައިސްފައިވާ ހެޔޮބަދަލު ފާހަގަކުރެވުނު ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިގެން ވިދާޅުވެފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން ދެއްވި ޚާއްސަ މެސެއްޖެއްގައެވެ. އެ ކަމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ ދިރާސީ އަހަރު ނިމިގެން ދިޔައީ ސަރުކާރުން ކަނޑައެޅި ތަޢުލީމީ ސިޔާސަތު ތަކާ އެއްގޮތަށް ޙާސިލްކުރަން ބޭނުންވި ލަނޑުދަނޑިތަކަށް ވާސިލް ވެގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ތަޢުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒު ކުރެވުނުކަމަށެވެ. އަދި އޭގެ ހެޔޮ ބަދަލު ސްކޫލު މާޙައުލުތަކުން ވެސް ފެންނަން ފަށައިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ހުރިހާ ކުދިން ޝާމިލުވާހެން ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢިލީމު ދިނުމުގެ ނިޒާމުގެ ތެރެއިން ފަހި ފުރުޞަތުތައް ހޯދާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވި އެކަމުން ވެސް ކާމިޔާބީތަކެއް ޙާޞިލް ކުރެވިފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ހުރިހާ ސްކޫލްތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން 22 ސްކޫލެއް އެންދަންފަޅިއަށް ބަދަލުކުރެވި އޭގެ ނަތީޖާ ހަމައަށް އާދެވިފައިވާ ކަމަށާއި، އައު މަންހަޖަށް ކިޔަވައި ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައް ޙައްލުކުރުމަށް ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދިރާސީ އަހަރު ނިންމާ ދަރިވަރުންނަށް ލިބޭ ޗުއްޓީ ތެރޭގައި ދަރިވަރުންނަށް ސްކޫލުން ދަސްވެފައިވާ ކޮންމެވެސް ހުނަރެއް އިތުރަށް ތަރައްޤީ ކުރުމަށް ފުރުޞަތު ފަހިކުރުމަކީ މުހިންމު ކަމެއް ކަމަށާއި ދީނީ ވާޖިބުތައް އަދާކުރުމަށް ދަރިވަރުންނަށް ބާރުއަޅާ، ޢާއިލީ ގުޅުން ބަދަހި ކުރުމާއި ޗުއްޓީ ހޭދަކޮށްލަން ރަށުން ބޭރަށް ދިއުމާއި އެކުވެރި މަޖާ މާޙައުލެއްގައި ކުޅިވަރު ކުޅުންފަދަ ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަންކަމުގައި ކުދިން ޝާމިލުކުރުމަށް އިސްކަންދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.