ސްރީލަންކާގެ ރައީސުކަމަށް ގޮތާބޭ ރާޖަޕަކްސާ ހޮވިވަޑައިގެންފި

ސްރީލަންކާގެ ރައީސުކަމަށް، ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތާބޭ ރާޖަޕަކްސާ ހޮވިވަޑައިގެންފިއެވެ. މިކަން ކަށަވަރުވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާ އިންތިޚާބުގެ ނަތީޖާ އިއުލާންކޮށް ނުނިމެނީސް ބަލި ގަބޫލުކުރެއްވުމުންނެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިސްކޮށް އޮވެ އެކުލަވާލާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓް (އެންޑީއެފް) ގެ ފަރާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާ ވަނީ ބަލި ގަބޫލުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އަދި އޭނާ ވާދަކުރައްވައި، މިހާތަނަށް ގުނިފައިވާ ވޯޓުގައި 7 ލައްކައެއްހާ ވޯޓުގެ ތަފާތުން ކުރި ހޯއްދަވާފައިވާ ގޮތާބޭ ރާޖަޕަކްސާއަށް ފޯނުކުރުއްވައި "ސްރީލަންކާގެ ހަތްވަނަ ރައީސަކަށް ހޮވަވަޑައިގަތް ކަމަށްޓަކައި" އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

"ވަރުގަދަ ވާދަވަރިކަމަކާ، ރޫހަކާއެކު ކުރިއަށް ދިޔަ އިންތިޚާބީ ކެންޕޭނަކަށް ފަހު ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ސްރީލަންކާގެ ހަތްވަނަ ރައީސުގެ ގޮތުގައި އިންތިޚާބުވެވަޑައިގަތް ގޮތާބޭ ރާޖަޕަކްސާއަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް." ސަތިޖުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރަށް އޭނާ ވަނީ ޔޫއެންޕީގެ ނާއިބު ލީޑަރުކަމުންވެސް އިސްތިއުފާދެއްވާފައެވެ.

ސަޖިތު ޕްރެމާދާސާގެ ބަޔާނުގައި އޭނާ ވަނީ ސްރީލަންކާގައި މިހާރު އޮތް ސިޔާސީ ހަމަޖެހުމާއި ޑިމޮކްރެސީގެ އުސޫލުތައް ދެމެހެއްޓެވުމަށް ގޮތާބޭ ރާޖަޕަކްސާއަށް ގޮވައިލައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މި ފަހަރުގެ ރިޔާސީ އިންތިޚާބު އެގައުމުގައި ބޭއްވުނު އެންމެ އަމާން އިންތިޚާބަށް ވެގެން ދިޔައީ ޑިމޮކްރެސީގެ އުސޫލުތައް ހަރުދަނާވެފައި ވާތީއެވެ.

ގޮތާބޭ ރާޕަކްސާގެ ތަރުޖަމާނު ވަނީ އޭނާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ބުނެފައެވެ.

"މިއީ ސާފު މޮޅެއް. އަހަރުމެން ދެކެމުން އައި މޮޅެއް މިއީ. ގޮތާ އަކީ ސްރީލަންކާގައި ދެން ރައީސުކަން ކުރައްވާ ބޭފުޅާއަށް ވުމީ ވަރަށް ބޮޑު އުފަލެއް. މާދަމާ ނޫނީ އަނެއް ދުވަހު އޭނާ ހުވައިކުރައްވާނެ."  ގޮތާބޭގެ ތަރުޖަމާނު ކޮހެލިޔާ ރަމްބުކްވެލާ ބުނެފައި ވެއެވެ.

ގޮތާބޭ ރާޖަޕަކްސާ ވަނީ އިރުކޮޅެއް ކުރިން އޭނާގެ ފޭސްބުކް ސަފުހާގައި ސިންގަޅަ ބަހުން ޝާއިއުކުރެއްވި ކުރު ބަޔާނެއްގައި ސުލްހަވެރިކަމާއެކު މި މޮޅުގެ އުފާފާޅުކުރުމަށް ގޮވައިލައްވާފައެވެ.

"ސްރީލަންކާއަށްޓަކައި އަހަރުމެން އާ ދަތުރެއް ފަށާއިރު، ސްރީލަންކާގެ ހުރިހާ މީހުންނަކީ މި ދަތުރުގެ ބައިވެރިން އަހަރުމެން ހަނދާންކުރަން ޖެހޭނެއެވެ. އަހަރުމެން ކެންޕޭންވެސް ކުރިއަށް ގެންދިޔަ ފަދައިން، ސުލްހަވެރިކަމާ، ޝަރަފުވެރިކަމާ، އަބުރުވެރިމަކާ، ރިވެތި ސުލޫކާއެކު އުފާފާޅުކުރަމާ ހިނގާށެވެ." އޭނާގެ ބަޔާނުގައި ވެއެވެ.

މިހާތަނަށް (ރާއްޖޭ ގަޑިން ހެނދުނު 11:42) އިއުލާންކުރެވުނު ނަތީޖާއަށް ބަލާއިރު، ސްރީލަންކާ ޕޮދުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) ގެ ފަރާތުން ވާދަކުރެއްވި ގޮތާބޭ ރާޖަޕަކްސާ ވަނީ ވޯޓޫގެ %51.51 ކާމިޔާބުކުރައްވާފައެވެ. ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގަތީ ވޯޓުގެ %42.63 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.