ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވާނެކަމަށް ބެލެވެން ފަށައިފި

ސްރީލަންކާގެ އިންތިޚާބު އެންމެ ކުރީގައި ވާދަކުރައްވާނެކަމަށް ބެލެވޭ ހަތަރު ބޭފުޅުން. ފޮޓޯގެ މަތީގައި: ގޮތަބަޔަ ރާޖަޕަކްސް (ވ) އަދި ސަޖިތް ޕްރެމަދާސާ (ކ). ތިރީގައި: މަހޭޝް ސެނަނަޔަކޭ (ވ) އަދި އަނޫރާ ކުމާރަ ޑިސަނަޔަކޭ (ކ)

އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނަ އިރު އެ އިންތިޚާބުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އޮކްޓޯބަރު މަހުގެ 7 ގައި ހަމަވާއިރު، ގިނަ ބޭފުޅުންތަކެއް ވަނީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ލީޑަރު، ރައީސު މައިތުރިޕާލާ ސިރިސޭނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ނުވެއެވެ. އެހެންނަމަވެސް، 2015 ވަނަ އަހަރު ރައީސުކަމާ ހަވާލުވެވަޑައިނެވިއިރު އޭނާ ވިދާޅުވެފައި ވަނީ އޭނާ ރައީސުކަން ކުރައްވާނީ އެއް ދައުރުގައި ކަމަށާ، ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެކަމަށެވެ.

އެހެންކަމުން މިހާރު ސިޔާސީ މަސްރަހުގެ އޮއިވަރަށް ބަލާއިރު، ރިޔާސީ އިންތިޚާބުގައި ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެނީ ހަތަރު ބޭފުޅެއްގެ މެދުގައެވެ. އެއީ ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތަޔަބަ ރާޖަޕަކްސާއާއި، ކުރީގެ ރައީސު ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދާސާއާއި، ޖަނަތާ ވެމުކްތީ ޕެރަމޫނާ (ޖޭވީޕީ) ގެ ލީޑަރު އަނޫރާ ކުމާރަ ޑިސަނަޔަކޭ އާއި، ސިފައިންގެ ކުރީގެ ވެރިޔާ މަހޭޝް ސެނަނަޔަކޭ އެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ހުންނެވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިގެންނެވެ. އެހެންނަމަވެސް، އޭނާގެ ޕާޓީގެ ތެރެއިން ކުރިމަތިލައްވަން ޖެހިވަޑައިގަތް ފިއްތުންތަކާއެކު އޭނާ ވަނީ ފަހަތަށް ޖެހިވަޑައިގެން ސަޖިތު ޕްރެމަދާސާއަށް ފުރުސަތުދެއްވާފައެވެ. ޔޫއެންޕީގެ ކޮންގްރެސްއިން މާދަމާ ރަސްމީކޮށް ސަޖިތު ޕްރެމަދާސާ ކެންޑިޑޭޓަކަށް އައްޔަންކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މަހިންދަ ރާޖަޕަކްސާގެ ޕާޓީ ސްރީލަންކާ ޕޮދުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) އިންތިޚާބުގައި ވާދަކުރަނީ ކޯލިޝަނެއްގެ ތެރެއިން ކަމުގައި ވާއިރު، އެ ޕާޓީގެ ކޯލިޝަން، ސްރީލަންކާ ޕީޕަލްސް އެލަޔަންސް (އެސްއެލްޕީއޭ) ގެ ކެންޑިޑޭޓަކީ ކުރީގެ ޑިފެންސް ސެކްރެޓަރީ އަދި ތަމަޅަ ހަނގުރާމަވެރިން ބަލިކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ގޮތަބަޔަ ރާޖަޕަކްސާއެވެ.

ޖޭވީޕީއަކީވެސް ސްރީލަންކާގެ ސިޔާސީ މައިދާނުގައި ދިގުމުއްދަތަކަށް ހަރަކާތްތެރިވެފައިވާ ޕާޓީއެކެވެ. އާއްމު އިންތިޚާބުތަކުގައި ގޮނޑިތައް ކާމިޔާބުކުރިއަސް، މިހާތަނަށް އަދި އެޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިފައި ނުވެއެވެ. އެހެންނަމަވެސް، ފަހަކަށް އައިސް އެ ޕާޓީން ބޭއްވި އެއްވުން ތަކަށް އެއްވި މީހުންނަށް ބަލާއިރު، އަދި އެޕާޓީއަށް ބުދުދީނުގެ ހާމުދުރުންގެ ތާއީދު އޮތުމާއެކު އެޕާޓީގެ ކެންޑިޑޭޓު ޑިސަނަޔަކޭއަކީ ރައްޔިތުންގެ ކުރިމަތީގައި އޮތް ތިންވަނަ އިޚްތިޔާރަކަށް ވެދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް (ރިޓާޔަޑް) މަހޭޝް ސެނަނަކޭ ނުކުންނަވަނީ މަދަނީ ޖަމްއިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ ނޭޝަނަލް ޕީޕަލްސް މޫވްމަންޓް (އެންޕީއެމް) ގެ ފަރާތުންނެވެ. އެހެންކަމުން، މައި ސިޔާސި ފިކުރުތަކަށް ވޯޓުލާން ބޭނުންނުވާ އާއްމުންގެ ތާއީދު އޭނާއަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.