ސައީދުގެ އިންޒާރު: ރައީސް ޔާމީން ވެރިކަމަށް އެނބުރި އައިސް ބަދަލު ހިފާނެ، ދެން އަންނާނީވެސް ބަދަލު ހިފަން

2023 ވަނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރައްވާނެ ކަމަށާއި، ރައީސް ޔާމީން ދެން ވެރިކަމަށް ވަޑައިގަތުމުން "ބަދަލުހިފާނެ" ކަމުގެ އިންޒާރު ވާދަވެރި އިދިކޮޅު ސިޔާސީ ފަރާތްތަކަށް މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުޙަންމަދު ސައީދު ރޭ ދެއްވައިފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވެރިކަމުގެ އިގްތިސޯދީ ވަޒީރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ ރައީސް ޔާމީން ދެން ވެރިކަމަށް ވަޑައިގަންނަވާނީވެސް "ބަދަލު ހިފަން" ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އެނބުރި ވެރިކަމަށް އައިސް ބަދަލު ހިފާނީ ސިއްރެތްނެތި ފާޅުގައި ކަމަށެވެ.

"ހަނދާން ނައްތާނުލާތި. މިއަދު ހުކުމްވެސް ކުރެވިދާނެ. މިއަދު ގޮތްގޮތަށް ކަންތައްތައް އެނބުރިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އައިސް ކޮންމެ މައްސަލައެއް އެއްފުށުން އަނެއް ފުށަށް ޖަހާނަން. ކޮންމެ ޕްރޮޖެކްޓެއްގައި ކިހާވަރެއްގެ ފައިސާ ކޮރަޕްޝަނުގެ ތެރޭގައި ހިމެނިފައިވޭތޯ އަޅުގަނޑުމެން ބަލާނަން. ބަދަލު ހިފާނަން އަޅުގަނޑުމެން. އަޅުގަނޑުމެން އަންނާނީ ބަދަލު ހިފަން. މީކީ ސިއްރަކުން ކުރާނެ ކަމެއްނޫން." ރައީސް ޔާމީންވެސް އިންނެވި ރޭގެ ޖަލްސާގައި ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާދަވެރި ސިޔާސީ ފަރާތްތަކަށް ވަރުގަދަ އިންޒާރު ދެއްވުމަށްފަހު ސައީދު ވިދާޅުވީ ރައީސް ޔާމީން ނެތިވެސް ކޮށްލެވިދާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ހިޔަނިވެސް ފުހެލައި، "ހަތަރު ފިލަޔަށްލާފަ" އެމަނިކުފާނު ވަޅުވެސް ލެވިދާނެ ކަމަށެވެ.

"އެއީ ބާރާ، އާރާ، ޖޯޝާ، ބަޑިޔާ، ކަމަރާ، އެވިދާޅުވާ މަހުމާތައް އަރުވައިގެން ކުރެވިދާނެ ކަމެއް. އެހެންނަމަވެސް، އެހެންނަމަވެސް، ދުނިޔޭގައި ދެހާސް އަހަރުގެ ތާރީޚު ލިޔެވިފައޮތް ދިވެހިރާއްޖޭގައި، ފަޚްރުވެރި ފައްސަތޭކަ އެތައް އަހަރެއްގައި އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި މިތިބީ" ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމި، ޙުކުމާ ހަމައަށް ގޮސްފައިވާއިރު ސައީދު ވަނީ ރާއްޖޭގެ ޖުޑިޝަރީއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙުގެ ސަރުކާރާއި، ވާދަވެރި ސިޔާސީ ފަރާތްތަކަށްވެސް ބަހުގެ ހޫނު ހަމަލާތަކެއް ސައީދު ރޭ ދެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.