އެމްއެންޔޫއަށް ޑެޕިޔުޓީ ވައިސްޗާންސެލަރުން އައްޔަން ކުރައްވައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޑެޕިޔުޓީ ވައިސް ޗާންސެލަރުންނަށް ތިން ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ.

އެމަޤާމުތަކަށް މިއަދުދު އައްޔަން ކުރައްވާފައިވަނީ ޙުސައިން ޙަލީމާއި، ޢާއިޝަތު ޝަހީން އިސްމާޢީލާއި، ޑރ. ޢާއިޝަތު ޝެހެނާޒެވެ.

މިއަދު އައްޔަން ކުރެއްވި ތިން ޑެޕިޔުޓީ ވައިސް ޗާންސެލަރުންނަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކައުންސިލުން އުފެއްދި ތިން މަޤާމަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނެވެ.

އެތިން ބޭފުޅުންނަކީ ޔުނިވަރސިޓީގެ ހުރިހާ ހަރަކާތެއް ބަހާލެވިފައިވާ ތިން ދާއިރާގެ އިސްވެރިން ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

ފައިސާއާއި ހިންގުމާބެހޭ ބައިގެ ޑެޕިޔުޓީ ވައިސް ޗާންސެލަރަކަށް އައްޔަން ކުރައްވާފައިވަނީ ޙުސައިން ޙަލީމެވެ. ޢިލްމީ ހަރަކާތްތަކާބެހޭ ދާއިރާގެ ޑެޕިޔުޓީ ވައިސް ޗާންސެލަރަކަށް އައްޔަން ކުރައްވައިފައިވަނީ ޢާއިޝަތު ޝަހީން އިސްމާޢީލެވެ.  އިލްމީ ތަހުގީގުތަކާބެހޭ ދާއިރާގެ ޑެޕިޔުޓީ ވައިސް ޗާންސެލަރަކަށް އައްޔަން ކުރައްވާފައިވަނީ ޑރ. ޢާއިޝަތު ޝެހެނާޒެވެ.

މިއީ 4 އަހަރުގެ މުއްދަތަކަށް ހޮވާ މަގާމްތަކެކެވެ. މި މަޤާމްޔަކަށް ކުރިމަތިލާން ހުޅުވާލުމުން ޖުމުލަ 30 ފަރާތަކުން ކުރިމަތިލިއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސާރޗް އެންޑް އެންޓަރޕްރައިސް ޑރ އައިޝަތު ޝެހެނާޒް އާދަމް އަކީ ހިސާބު ކިޔައިދިނުމުގެ ޢިލްމުން ޕީ.އެޗް.ޑީ. ނަންގަވާފައިވާ މުދައްރިސެކެވެ. ތަޢުލީމީ ދާއިރާގައި ދިހަ އަހަރު އުޅުއްވުމަށް ފަހު، އޭނާ ބަދަލުވެވަޑައިގަތީ ޚާރިޖީ ދާއިރާ އަށެވެ. އެ ދާއިރާގައި، ދެ ޤައުމެއްގައި ސަފީރުކަން ކުރައްވާފައި ވެއެވެ. ދެ ދައުރެއްގައި ޤައުމީ ޔުނިވަރސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައި ވެއެވެ. އޭނާއަކީ ޕީ.އެޗް.ޑީ އަށް ފަހު، އެއް އަހަރު ދުވަހުގެ ޕޯސްޓްޑޮކް ހައްދަވާފައި މަދު ދިވެހީންގެ ތެރެއިން އެކަކެވެ.

ޢިލްމީ ޙަރަކާތްތަކާ ބެހޭ ބައިގެ ޑެޕިއުޓީ ވައިސް ޗާންސަލަރ އަކަށް ހޮވާފައިވަނީ، ޢާއިޝަތު ޝާހީން އެވެ. އޭނާ އަކީ ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޢާއްމު ޞިއްޙަތާއި ކެއުންބުއިމުގެ ހަތަމަކާ ބެހޭ ދާއިރާގެ ޢިލްމުވެރިއެކެވެ. އޭނާގެ މަސައްކަތު ޙަޔާތުގެ ބޮޑުބައެއްް ހޭދަކުރައްވާފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގައެވެ. ޖުމުލަ ހަތާވީސް އަހަރު މިގޮތުން އޭނާ އެތަނުގައި ހޭދަކުރެއްވިއެވެ. އަދި ދެ ދައުރެއްގައި އެ ފެކަލްޓީގެ ޑީންކަން ކުރައްވާފައި ވެއެވެ. ޔުނިވަރސިޓީގެ އުޞޫލްތަކާއި ހަމަތަކަށް އޭނާ ވަރަށް ފަރިތަފުޅުވެފައިވާ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް ޙުސެން ޙަލީމް ޔުނިވަރސިޓީގެ ވަޒީފާގައި އުޅުއްވާތާ، މިހާރު 33 އަހަރުވެއްޖެއެވެ. ހިންގުމާއި ފައިސާގެ މަޤާމުތައް އޭނާ ފުރުއްވާތާ 20 އަހަރު ވެފައި ވެއެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، މި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރކަން ވެސް އޭނާ ކުރައްވާފައި ވެއެވެ. އެންެމެ ފަހުން ހުންނެވީ ޔުނިވަރސިޓީގެ އެންމެ އިސް ލައިބްރޭރިއަންގެ ގޮތުގައެވެ. ލައިބްރަރީގެ ޚިދުމަތަށް ވެސް އޭނާ "ތަޚައްޞުޞް" ވެފައި ވެއެވެ. ފުރަތަމަ ތަމްރީނުގެ ގޮތުން އޭނާ އަކީ މުދައްރިސެކެވެ.

"މިއަދު އަޅުގަނޑު މި މުހިއްމު ތިން މަޤާމު ހަވާލު މިކުރީ، ވަރަށް ޤާބިލް، ވަރަށް ހިންގުންތެރި، ވަރަށް ހުނަރުވެރި ފަރާތްތަކަކާ. އެބޭފުޅުން މި މަޤާމުތަކަށް ކުރިމަތިލެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި ހޮވުމާ ގުޅިގެން ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން. މި މަތިވެރި ވަޒީފާތަކަށް އެހާ ލިޔާޤަތްތެރި ބޭފުޅުން ހަމަޖެހިގެން ދިޔަކަމީ ޔުނިވަރސިޓީ ކުރިއަށް، ބާރަށް ކުރިއަށް، ދުއްވުމަށް ޖެހެމުންދާނޭ ފައްސިޔަ ވައެއް. މި ފުރުޞަތުގައި، އެބޭފުޅުންގެ އައު ވަޒީފާގައި ހެޔޮ ނަޞީބަށް އެދެމުން ޔުނިވަރސިޓީގެ މަޤްޞަދު ފާހަގަކޮށްލަން. އާދެ! އެއީ، ދިވެހިރާއްޖޭގެ ސަގާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށާއި ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމު ހޯދައި، ރައްކާތެރިކޮށް ފެތުރުން. ޔުނިވަރިސިޓީ ހުރުމުން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް، ކޮންމެވެސް ގޮތަކަށް މަންފާ އާއި ލާބަ ކުރަން ޖެހޭނެ." ޔުނިވަރސިޓީގެ ވައިސް ޗާންސަލަރ ޑރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.