ކުރީގައިނެތް ކުށްތަކެއް އަޅުގަނޑުމެންގެ ތެރޭގައި މިހާރުވަނީ އަށަގެންފައި: ހޯމް މިނިސްޓަރ

ދިވެހި މުޖުތަމަޢުގައި ކުރިން މެތް އެތައް އާދަތައް ނުވަތަ ކުށްތަކެއް މިހާރު ފަށަގެންފައިވާ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ.ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވަން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެފަދަކަންކަން ހައްލު ކުރުމަށް އެކަންކަމާ ކުރިމަތިލާން ތިބީ ފުލުހުން ކަމަށާއި ފުލުހުން ކުރަމުން އަންނަ ތަޖުރިބާތަކުގެ އަލީގައި ފުލުހުންގެ މުއައްސަސާ އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާ ކުރުމަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން އިތުރުކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރަން ޤަސްޠުކުރާ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގައި ފުލުހުންނަށް ދެވޭ ވަޞީލަތްތަކާއި، ފުލުހުންނަށް އެއްބާރުލުން ދިނުމާއެކުގައި ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ކަށަވަރުކުރުން ކަމަށެވެ.

" ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރެވުނު ވަރަކަށް. ފުލުހުންނަށްޓަކައި ރައްޔިތުން އަތުގުޅާލި މިންވަރަކަށް. އަދި ފުލުހުން ރައްޔިތުންނާ ގާތްވި މިންވަރަކަށް. ރަށުގެ އަމާންކަމާއި ޤައުމުގެ އަމާންކަން ބެލެހެއްޓިގެންދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ޞުލުހަވެރިކަމާ އަމާންކަމަށް މަސައްކަތްކުރި މިންވަރަކަށް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި އަމާންކަން ގާއިމްކުރުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ކަމަށް ހެދުމުގެ ބަދަލުގައި ރަށު ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާއި  ފުލުހުންނާއި އެންމެހާ ރައްޔިތުން ގުޅިގެން ކުރާކަމަކަށް އެކަން ހެއްދެވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނީ މުޖުތަމައުއަކަށް ބޭނުންވާ އެންމެ މުޙިއްމު އެއްބަހާއަކީ އެމުޖުތަމައެއްގެ ސުލުހަވެރިކަމާ އަމާންކަމާ ރައްކާތެރިކަންކަމަށެވެ. ކޮންމެ އިންސާނީ މުޖުތަމައުއެއް ދެމިއޮވެ، އެއިންސާނީ މުޖުތަމައުއެއް ކުރިއަރާ ދިއުމަށްޓަކައި އެމުޖުތަމައަކަށް ލިބެންޖެހޭ ތަނަވަސްކަމާ އުފާފާގަތިކަމުގެ އަޞްލަކީ އެމުޖުމަތައެއްގައި އޮންނަ އަމާންކަންކަމާއި ރައްކާތެރިކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަލާމަތްތެރިކަމެއް އޮންނާނީ އެމުޖުތަމައުގައި އޮންނަ އަމާންކަމާއި، ރައްކާތެރިކަމުގެ މައްޗަށާއި، އެމުޖުތަމައުއެއްގައި އޮންނަ ތަނަވަސްކަމާއި ފާގަތިކަމުގެ މައްޗަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން އޭގެ މައްޗަށް އަޅުގަނޑުމެންގެ މުޖުތަމައު ބިނާކުރަންޖެހޭ ކަންތައް. އަޅުގަނޑުމެން ކުރިއަރާ ދިއުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ މިނިވަން ސަލާމަތް، ރައްކާތެރި އަމާން މުޖުތަމައުއެއް. އެއާއެކުގައި އޭގެ މައްޗަށް ބިނާވެގެން އަންނަނީ އަޅުގަނޑުމެންގެ ތަނަވަސްކަމާއި ރިޒްޤާއި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުފާވެރިކަމާއި ފާގަތިކަން. މިދެބައި އެކުވެގެން އައީމަ އެއީ ހިތްހަމަޖެހޭ އުފަލާއެކުގައި ދިރިއުޅެވޭ މުޖުތަމައުއަކަށް ވެގެންދާނީ" މިނިސްޓަރ ވިދާޅުވިއެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައްދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު އިމާރާތުގައި ޤައުމީ ދިދައާއި ފުލުހުންގެ މުއައްސަސާގެ ދިދަ ދެބޭފުޅުން ނަންގަވައިދެއްވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.