ފާއިތުވީ ތަނުގައި ސުޕްރީމް ކޯޓަކީ ބާރުއޮތް ބަޔަކަށް ރަނގަޅަށް ޙުކުމް ކޮށްދިން ތަނެއް: ޑރ އިޔާޒް

އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ބަޔެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު އަބްދުﷲ އާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުޙަންމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާތީ ބަޔެއް ފަރާތްތަކުން އެކަމަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ދީނީ އިލްމްވެރިޔާ ޑރ މުޙަންމަދު އިޔާޒް އަބްދުއްލަތީފް ރައްދު ދެއްވައިފިއެވެ.

މި މައްސަލައިގައި ޑރ އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށެވެ. އެކަމަކު ފާއިތުވީ ތަނުގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އެތަނަކީ  އަދުލް އިންސާފު ގާއިމް ކޮށްދިނުމުގައި ފެއިލް ވެފައިވާ ތަނެއްގެ ގޮތުގައި ޑރ އިޔާޒް ސިފަ ކުރެއްވިއެވެ.

"ފާއިތުވީ ތަނުގައި އެތަން ފެނިފައި ވަނީ ބާރު އޮތް ކޮޅަކަށް ރަނގަޅުވާ ގޮތަށް ޙުކުމް ކޮށްދޭ ތަނެއްގެ ގޮތުގައި." ޑރ އިޔާޒް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ފާއިތުވީ ތަނުގައި ބާރު އޮތް ބަޔަކަށް ރަނގަޅަށް ޙުކުމްކޮށްދީފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި އިޔާޒް ފާހަގަ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކުރި ގޮތެވެ.

"ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ މައްސަލަ ނަމޫނާއަކަށް ފުދޭ. މިފަދަ ކަންތައްތައް ތަކުރާރުވިޔަ ދީގެން ނުވާނެ" އިޔާޒް ވިދާޅުވިއެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި އުއްތަމަ ފަނޑިޔާރު އެތަނަށް ޙާޒިރުވެވަޑައި ނުގަތުމުން އެކަމަށް އިޝާރާތް ކުރައްވައިވެސް ޑރ އިޔާޒް ވަނީ ރައްދު ދެއްވާފައެވެ. އިޔާޒް ވިދާޅުވީ ތިމާއަކީ ކުށެއް ނުކުރާ މީހެއް ނަމަ "އެބުނާ މަޖިލީހަކަށް" ހާޒިރުވެވަޑައިގެން ސާބިތުކަމާއެކު ވާހަކަ ދައްކަވަންވީ ކަމަށެވެ.

"ބޮޑާވެރިކަމަކީ މީހާ ހަލާކުކޮށްލާފަދަ ނުބައި ސިފައެއް" ޑރ އިޔާޒް ވިދާޅުވިއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރާއި، އެ ކޯޓުގެ ބަޔެއް އެހެން ފަނޑިޔާރުންގެ މައްސަލަތަކެއްވެސް ބަލައި، ފިޔަވަޅު އަޅަން ފެށުމުން ކުރީގެ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދު އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންވެސް ޑރ އިޔާޒް ވިދާޅުވެފައި ވަނީ އެހިސާބަށް ކަންކަން ދިޔައީވެސް ފަނޑިޔާރުން މީގެކުރިން އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށެވެ. އެކަމުގައި އިޔާޒް ދެއްކެވި އެއް ހެއްކަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.

"އެކެއް ފެބުރުއަރީގައި ފަސް ފަނޑިޔާރުން އެއްބަސްވެގެން ޙުކުމެއް ނެރުއްވާފައި، ދެ ފަނޑިޔާރަކު ގޮޅިއަށް ކޮއްޕާލައްވާފައި، އަމިއްލަ މަސްލަހަތަށްޓަކައި ޙުކުމް ބަދަލު ކުރެއްވި. މިނޫންވެސް އެތައް ގޮތެއް ހެއްދެވި" ޑރ އިޔާޒް ވިދާޅުވިއެވެ.

ޖޭއެސްސީން މިހާރު ވަނީ އުއްތަމަ ފަނޑިޔާރާއި އަޙްމަދު އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކޮށްފައެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި، އާދަމް މުޙަންމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމަން ޖެހުނު ސަބަބަކީ އެދެބޭފުޅުންނާ ބެހޭގޮތުން އެ ކޮމިޝަނުން ބަލަމުންދިޔަ މައްސަލައެއްގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް، ތަހުގީގު ކޮމެޓީއަށް ސާބިތުވެފައި ވާތީ ކަމަށެވެ.

ޖޭއެސްސީން ވަނީ މަގާމުން ވަކުރަން މަޖިލީހަށް ފޮނުވަން ނިންމުމުގެ އިތުރުން އޮފީހަށް ނުކުމެވަޑައިނުގެންނެވޭ ގޮތަށް 60 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ. ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ ދެބޭފުޅުންނާ ބެހޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ސަބަބުން ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަންޖެހޭ ކަމަށް ކޮމިޝަނުގެ ތަހުގީގު ޓީމަށް ފެނުމެވެ.

އުއްތަމަ ފަނޑިޔާރާބެހޭ ގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ކޮމިޝަނަށް ޙާޒިރުވެވަޑައިގަތުމަށް އެންގިނަމަވެސް އެމަނިކުފާނު ވަނީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. ފަނޑިޔާރު އާދަމް މުޙަންމަދު ކޮމިޝަނުގެ އެންގެވުމަށް މީގެކުރިން ހާޒިރުވެވަޑައިގެންފައި ވެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.