ރާއްޖޭގެ ދެ ރަށެއްގައި އިންޑިއާއިން އައިސްޕުލާންޓު އަޅައިދެނީ

ދިވެހި ރާއްޖޭގެ ދެރަށެއްގައި އިންޑިއާ ސަރުކާރުން އައިސްޕުލާންޓު އަޅައިދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅައިދޭ ދެ ޕްލާންޓެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައިސްޕުލާންޓު އަޅާ ދެރަށަކީ ކ. ގާފަރާއި ރ. މަޑުއްވަރީއެވެ. މިއިން ކޮންމެ ރަށެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ ޕްލާންޓެކެވެ.

މިމަސައްކަތް ބީލަމުގެ އުސޫލުން ޙަވާލުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިޢާއެވެ. ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޒުބައިރެވެ.

މިޕްރޮޖެކްޓް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 5 މަސްތެރޭ ނިންމާ ގޮތަށެވެ. މަޝްރޫޢުގެ އަގަކީ ޖުމްލަ 7,992,529.30 ރުފިޔާއެވެ.

މި މަސައްކަތް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، (ޚާއްސަކޮށް މިއައިސްޕްލާންޓްތައް ޤާއިމްކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް) ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.