ފުލުހުންގެ ލިޔުންތަކެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ ދޮގު ލިޔުންތަކެއް: ފުލުހުން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ގުޅިގެން ފުލުހުން ތައްޔާރު ކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ މީޑިއާގައި ދައުރު ކުރަމުން ގެންދަނީ ދޮގު ލިޔުމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި އެ ލިޔުމުގައި ޖަހާފައިވާ ތައްގަނޑުގައި އޮތް ނަމަކީ އެ ލިޔުމަށް ނިސްބަތްކުރާ ދުވަސްވަރު ފުލުހުން ބޭނުން ކުރި ނަމެއް ނޫނެވެ. ލިޔުމުގައި ޖަހާފައި އޮތް "ދިވެހި ފުލުހުންގެ ޚިދުމަތް" މި ނަމަލީ 2020 ވަނަ އަހަރު ފުލުހުންގެ އައު ގާނޫނަށް އަމަލުކުރަން ފެށޫމާއެކު ބޭނުން ކުރަން ފެށި ނަމެކެވެ. އޭގެ ކުރިން ފުލުުންގެ ނަމެއްގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.

ފުލުހުން ބުނާ ގޮތުގައި އެ ލިޔުމެއް އުފެއްދީ ކޮން ބަޔަކުތޯ ބެލުމަށްޓަކައި މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމެއްގައި ވަނީ ފުލުހުންނަށް 10 މީހަކު ދީފައިވާ ބަޔާން ހިމަނައިފައެވެ. އެ ބަޔާންތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގައި ވަރަށް ގިނަ އޮޅުވައިލުމާއި ނަހަމަ އެތައް ކަމެއް ވަނީ ކޮށްފައެވެ. އެ ބަޔާންތަކުގެ ތެރޭގައި އެ ދުވަސްވަރު އިލެކްޝަން ކޮމިޝަނަރަކަށް ހުންނެވި ޝަރީފް ދެއްވި ބަުޔާނެއްވެސް ހިމެނެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ލީކުވެގެން އުޅޭ ލިޔުންތަކާ ބެހޭ ގޮތުން ފުލުހުން ވާހަކަ ނުދައްކަނީ އެއީ ތެދު ލިޔުންތަކެއް ކަމަށް ވާތީއެވެ. ފުލުހުން ބަޔާން ނެރެފައި ވަނީ ޢަބްދުއްރަޙީމް މިޮހެން ވިދާޅުވީ ފަހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.