ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފެނަކަ އަވަދިނެތި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ ރައްޔިތުންނަށް ފެނާއި، ނަރުދަމާއި، ކަރަންޓު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. އެކުންފުނިން މިހާރު ގެންދަނީ ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

އިއްޔެވެސް އެކުންފުނިންވަނީ ރާއްޖޭގެ ތިން ރަށެއްގައި އައު އިންޖީނުގެތައް އެޅުމަށްޓަކައި ބިންގައު އަޅައިފައެވެ. އެއީ ގއ. މޭމެންދޫ، ނިލަންދޫ، ގދ. ނަޑައްލާއެވެ. އެއްދުވަހަކު ތިންރަށެއްގެ އިންޖީނުގޭގެ ބިންގާ އެޅުމަކީ ފެނަކައިގެ ތާރީޚުގައިވެސް އައުކަމަށެވެ. އެއިން ދައްކުވައިދެނީ ފެނަކަ މިހާރު ހިނގަމުންދަނީ ފިނިހަކަ ސްޕީޑުގައި ނޫންކަމެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޢަމަލީ ގޮތުން މަސައްކަތްކުރާ ކުންފުނިތަކުގެ އެންމެ ކުރީސަފުގައި ހިމެނޭ ކުންފުނި ތަކުގެ ތެރޭގައި އެކުންފުނިހިމޭނެއެވެ.

ފެނަކައިން ވަނީ މިއަހަރު ޚާއްސަ ލަނޑުދަނޑިއެއް ކަނޑައަޅައިފައެވެ. އެއީ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 30 ރަށެއްގައި 30 އިންޖީނުގޭގެ ބިންގާ އެޅުމެވެ. މިއަހަރު މިހާތަނަށް އެކުންފުނިން ވަނީ 25 އިންޖީނު ގޭގެ ބިންގައު އަޅައިފައެވެ. އަދި 5 އިންޖީނުގޭގޭ ބިންގާ އެޅުމަށްވަނީ ހަމަޖެހިފައވެ.

"އިބުރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ޔަގީން ކަމާއެކު ކަށަވަރު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ތިން އިންޖީނު ގެއެއްގެ ބިންގާ އިއްޔެ އެޅިގެން ދިއުމީ ތާރީޚީދުވަހެއް. އަދި ލިބުނު ނުހަނު ބޮޑު ހިތްހަމަޖެހުމެއް،" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.