މިދިޔަ އަހަރު ފެނަކައަށް 35 މިލިއަން ރުފިޔާގެ ފައިދާއެއް

ފެނަކައަށް 35 މިލިއަން ރުފިޔާގެ ފައިދާއެއް މިިދިއަ އަހަރު ލިބިއްޖެއެވެ. 

ފެނަކައިން ނެރެފައިިވާ ބަޔާނެއްގައި ވަނީ އެކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތާއެކު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރުވެގެން ގޮސްފައިވާކަމަށެވެ. މި ފަދަ ފައިދާއެއް ހޯދިފައި ވަނީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. 

 2018 ވަނަ އަހަރުގެ ޑިސެމްބަރ 18 އިން ފެށިގެން، 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައިފައުވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވިފައުވާ ކަމަަށް ވެސް އެކުންފުނިން ބުނެއެވެ. ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަމަށް ވެސް ފެނަކައިން ބުނެއެވެ. 

"ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވި، މިއަދުގެ މި ނަތީޖާ ދައްކުވައިދެނީ ކުންފުނީގައި ނަޒާޙާތްތެރިކަން އޮތް މިންވަރު. އަދި ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މިދިޔައީ ނުހަނު ފުރިހަމަ ޖަވާބެއް." ފެނަކައިގެ ބަޔާނުގައި ވެއެެވެ.

ފެނަކައިން ބުނީ އެކުން ފުންޏަކީ  18 ޖޫން 2012 ވަނަ ދުވަހު ވުޖޫދުވުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުންނާއި ޢުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާޢީ ގޮތުން ލަދުވެތި ޙާލަތެއްގައި ހިންގަމުން އައި ކުންފުންޏެއް ކަމަށެވެ.  ކުންފުންޏަށް މިދިޔައަހަރު ލިބުނު މާލީ ފައިދާއަކީ ދިވެހި ތާރީޚުގައި ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ތަފާތުބޮޑު ބަދަލުކަމަށެވެ. 

" ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާޒީގައި ކޮށްފައި ނުވާ ޢަދަދުތަކުން މާލީ ބޮޑެތި ހޭދަތައް ކޮށް، ނަތީޖާ ދައްކުވައިދީ މާލީގޮތުން ފުދުންތެރި، އިޖްތިމާޢީ ގޮތުންނާއި ޢުމްރާނީ ގޮތުން އަދި ޚިދުމަތުގެ ގޮތުން ދުޅަހެޔޮ، ހިންމުގުމުގެ ގޮތުން ހަރުދަނާ ކުންފުންޏެއްގެ ގޮތުގައި ހިންދެމިލެވުމަކީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ގެނެވުނު އިންޤިލާބީ ބަދަލު ސާބިތުކޮށްދޭ އަސާސީ ހެއްކެއް" ފެނަކައިގެ ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.