މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރާ ފުރަތަމަ ޕާޓީއަކީ އެމްއާރްއެމް: ޔުމްނާ

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އިންތިޤާލީ މަރުހަލާއިން ފެށިގެންވެސް މިންތީގެ ހަމަހަމަކަމަށް ނުވަތަ ދެޖިންސުގެ ހަމަހަމަކަމަށް މަސައްކަތްކުރާ ފުރަތަމަ ޕާޓީއަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ކަމަށް އެޕާޓީގެ މުއައްސިސް އަދި ރައީސް މަޢުމޫނުގެ ދަރިކަނބަލުން ޔުމްނާ މަޢުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއާރްއެމް އަކީ އިންތިޤާލީ މަރުހަލާއިން ފެށިގެންވެސް މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރާ ފުރަތަމަ ޕާޓީކަން އެޕާޓީގެ އިންތިޤާލީ ކައުންސިލުންވެސް ހާމަވެގެން ދާކަމަށެވެ.

އެމްއާރްއެމް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީ އާއި އިންތިޤާލީ ޒުވާނުންގެ ކައުންސިލާއި އިންތިޤާލީ އަންހެނުންގެ ކައުންސިލް ވަނީ އިންތިޚާބު ކޮށްފައެވެ. އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީއަށް 20 މެމްބަރުން އިންތިޚާބުކޮށްފައިވާއިރު އެއީ 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުންނެވެ. ޒުވާނުންގެ ކައުންސިލަށް 30 މެމްބަރުން އިންތިޚާބުކުރެއްވިއެވެ. އެއީ 15 އަންހެން މެމްބަރުންނާއި 15 ފިރިހެން މެމްބަރުންނެވެ. އަންހެން އަދި ފިރިހެން 15 މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ވޯޓް ލިބޭ ހަމެމްބަރުން އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވާނެއެވެ. އިންތިޤާލީ އަންހެނުންގެ ކައުންސިލަށް 20 އަންހެން މެމްބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ރައީސް މައުމޫނުގެ އެމްއާރްއެމްގެ އަސާސީ ޤަވައިދުގައި ވެސް އަންހެނުންނަށް ފުރުސަތުތައް ދިނުމަށް ވަނީ ބާރުއަޅާފައެވެ. އެޕާޓީގެ އަސާސީ ޤަވައިދު ވެސް ރޭ ވަނީ ފާސްކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.