އެމްއާރްއެމްގެ އިންތިޤާލީ ރައީސަކަށް ރައީސް މައުމޫނު ހޮވިވަޑައިގެންފި

އެމްއާރު އެމްގެ ވަގުތީ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިންތިޤާލީ ރައީސްކަމުގެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮވިވަޑައިގެންފިއެވެ. އެމްއާރްއެމްގެ އިންތީޤާލީ ރައީސަކަށް ރައީސް މައުމޫނު ހޮވިވަޑައިގެންނެވީ އެޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ޙާޒިރުވެ ތިއްބެވި މެމްބަރުންގެ ޢިއްތުފާޤުންނެވެ. އިންތިޤާލީ ރައީސަކަށް ކުރިމަތިލެއްވީ ވެސް ރައީސް މައުމޫން އެކަންޏެވެ.

ޕާޓީ އުފެއްދުމަށް 300 މެމްބަރުން ހަމަކޮށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީ އާއި އިންތިޤާލީ ޒުވާނުންގެ ކައުންސިލާއި އިންތިޤާލީ އަންހެނުންގެ ކައުންސިލް ވަނީ އިންތިޚާބު ކޮށްފައެވެ. އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީ އަށް 20 މެމްބަރުން އިންތިޚާބުކުރެއްވިއެވެ. ޒުވާނުންގެ ކައުންސިލަށް 30 މެމްބަރުން އިންތިޚާބުކުރެއްވިއެވެ. އެއީ 15 އަންހެން މެމްބަރުންނާއި 15 ފިރިހެން މެމްބަރުންނެވެ. އަންހެން އަދި ފިރިހެން 15 މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ވޯޓް ލިބޭ ހަމެމްބަރުން އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީގައި ހިމެނިވަޑައިގަންނަވާނެއެވެ. އިންތިޤާލީ ޒުވާނުންގެ ކައުންސިލަށް އިންތިޚާބު ކޮށްފައިވަނީ ޢުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނެވެ. އިންތިޤާލީ އަންހެނުންގެ ކައުންސިލަށް 20 އަންހެން މެމްބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ރައީސް މައުމޫނުގެ އެމްއާރްއެމް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދާއި ލޯގޯއާއި ކުލަވެސް ވަނީ ފާސްކޮށްފައެވެ. އެޕާޓީގެ ކުލައެއްގެ ގޮތުގައި ފާސްކޮށްފައިވަނީ ފެހި ކުލަ އާއި ރަން ކުލަ އެވެ. ލޯގޯ ގައިވެސް ވަނީ މިދެކުލައިންވާ ބޮޑުތީރެއް ކުރިއަށްދާއިރު އޭގެ ފަހަތުން ފެހިކުލައިކުޑަ ތީރެއް ކުރިއަށްދާތަނެވެ. މިއީ ވޯޓަށް އެހި ލޯގޯތަކުގެ ތެރެއިން ރައީސް މައުމޫނު ތާއީދު ކުރެއްވި ލޯގޯއެވެ.

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެއްޓެވީ ރައީސް މައުމޫނުގެ ސަރުކާރުގެ ވަޒީރެއްކަމަށްވާ ޢަބްދުﷲ ކަމާލުއްދީނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ޢަބްދުﷲ ކަމާލުއްދީންގެ ނަން ފާސްކުރެއްވީ ޖާލްސާއަށް ހާޒިރުވެ ތިއްބި މެމްބަރުންގެ ޢިއްތުފާޤުންނެވެ. އިންތިޤާލީ މަޤާމުތަކަށް މެމްބަރުން އިންތިޚާބުކުރައްވައިފައި ވަނީ އެކަމަށް ހޮއްވެވި 7 މެމްބްރުންގެ ކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.