ދުނިޔޭގެ ޒަކާތު ފޯރަމް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ. މި ކަމަށް މަޝްވަރާ ކުރައްވާފައިވަނީ ނޮވެމްބަރ 5 އިން 7 އަށް އިންޑޮނޭޝިއާގައި ބޭއްވި ދުނިޔޭގެ 8 ވަނަ ޒަކާތު ފޯރަމްގައެވެ. މި ފޯރަމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. އެމަނިކުފާނު ވަނީ މިފޯރަމުގައި ތަގުރީރު ކުރައްވައިފައެވެ.
މިބައްދަލުވުން ބާއްވާފައިވަނީ އިންޑޮނީސިއާގެ ބަންޑުންގެ ކުރައުން ޕްލާޒާ ހޮޓެލްގައެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ޑިޖިޓަލް ޒަމާނުގައި ދުނިޔޭގެ ޒަކާތު ފޯރަމް ހަރުދަނާކޮށް ކުރިއަށް ގެންދިއުމާ ބެހޭގޮތުންނާއި، މުސްލިމް އަދި މުސްލިމް މައިނޯރިޓީ އޮންނަ ޤައުމުތަކުގައި ޑިޖިޓަލްކޮށް ޒަކާތުގެ ނިޒާމް ހިންގުމާއި، ޑިޖިޓަލް ޒަކާތުގެ ޒަމާނީ ފިޤުހާއި، ޒަކާތުގެ ހިންގުން ހަރުދަނާކޮށް އިތުރު ކުރުމަށްޓަކައި ބޭނުންކުރެވިދާނެ ވަޞީލަތްތަކާ ބެހޭ ގޮތުން ކަމަށް އިސްލާމިކު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ފޯރަމްގައި ދުނިޔޭގެ ތަފާތު 28 ޤައުމަކުން 300 ބޭފުޅުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 25 ބޭފުޅުންވަނީ ފޯރަމުގައި ތަޤުރީރް ކުރައްވައިފައެވެ.
މި ފޯރަމުންވަނީ އަންނަ އަހަރު ބާއްވާ ދުނިޔޭގެ 9 ވަނަ ޒަކާތު ފޯރަމް "9ވަނަ ވޯލްޑް ޒަކާތް ފޯރަމް އިންޓަނޭޝަނަލް ކޮންފަރެންސް އެންޑް އެނުއަލް މީޓިން 2020" މެލޭޝިއާގެ ސެލެންގޯގައި ބޭއްވުމަށް ފާސް ކޮށްފައެވެ. މި ފޯރަމްގެ އެޖެންޑާގެ ތެރޭގައި ހިމެނޭނީ "ޑިސްކަޝަން އޮން ޓެކްނިކަލް ނޯޓްސް އޮން ފައިނޭޝިއަލް ރިޕޯޓިން އެންޑް އެކްސްޓާނަލް އޮޑިޓް،" އާއި "ޓެކްނިކަލް ނޯޓްސް އޮން ޑިސްކްލޯޝަރ އެންޑް ޓްރާންސްޕޭރެންސީ" އަދި "ޑިސްކަޝަން އޮން ޒަކާތް ވެލްފެއަރ އިންޑެކްސް" ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.