ޔާމީނާ ދެކޮޅަށް ޖަލު ޙުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ދިނުމަށް އެދުނު: ހައިލަމް

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢާބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދެއްވުމަށް ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގެންނެވި ކަމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސްޤާޒީ އަޙުމަދ ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން އޭނާއަށް ނުފޫޒު ފޯރުވާން ފަށައިފައިވަނީ އޭނާގެ ގާތް މީހުން މެދުވެރިކޮށް ކަމަށް ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެފަދަ ނުފޫޒު އަންނަން ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހިސާބުން ފެށިގެން ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި އެކިފަރާތްތަކުން ސީދާގޮތުންނާއި ނުސީދާ ގޮތުން އޭނާގެ ގާތްމީހުން މެދުވެރިކޮށް އޭނާއަށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށްގިނަ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެ މަސައްކަތް އެންމެ ބޮޑަށް ކުރައްވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރަން ކަނޑައަޅާފައި އޮތް ދުވަހުގެ ދެ ދުވަސް ކުރިން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ރައީސް ޔާމީނުގެ މައްޗަށް ޙުކުމް ކުރެއްވުން ތާވަލް ކޮށްފައި އޮތީ ނޮވެމްބަރު 5 އަށެވެ. ހައިލަމްގެ މައްޗަށް ސަރުކާރުގެ އިސްވެރިން އެންމެ ބޮޑަށް ނުފޫޒު ފޯރުވާން އުޅުއްވާފައިވަނީ ނޮވެމްބަރުމަހު 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމްތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ." ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެގޮތަށް ނުފޫޒު ފޯރުވާން ފެއްޓެވުމުން އެކަށަވަރުކަމެއް ނުދެވޭނެ ކަމަށް ދެންނެވި ކަމަށްވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ. އެގޮތަށް ދެންނެވުމުން މިއަހަރު މެއިމަހު 19 ވަނަ ދުވަހު "އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގައިދިޔަ ފައިސާގެ ޓްރާންސްސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތް ކަމަށާއި ޙުކުމުގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. އަދި ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. މި ނުފޫޒު މިގޮތަށް ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީއަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެއެވެ. އަދި ސަސްޕެންޑްވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެންގޮތެއްނެތް ކަންވެސް މިހާރު އެނގިވަޑައިގަންނަވާނެއެވެ." ހައިލަމް ވިދާޅުވެފައިވެއެވެ. ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ޙުކުމް ސަރުކާރުގެ ކިތަމްމެ މަތީ އޮފިޝަލުންނަކަށް ވިޔަސް އެނގޭކަށް ނުޖެހޭނެ ކަމަށްވެސް އިސް ޤާޒީ ހައިލަމް ވަނީ ވިދާޅުވެފައެވެ.

ހައިލަމްގެ ފަރާތުން ޖޭއެސްސީގެ މެމްބަރުންނަށް

"ޖޫޑީޝަލް ސާވިސްކޮމިޝަންގެ ޢިއްޒަތްތެރި މެމްބަރުންނަށް ދަންނަވަމެވެ. ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ވެސް ކުރީގެ މަޖިލީސް މެމްބަރުންނާއި އަދި މިހާރުގެ މަޖިލީސް މެމްބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ޙައްޤުވާ ފަރާތްތައްވެސް އެބަތިއްބެވިއެވެ. އަދި ކީއްތޯއެވެ! ސަރުކާރުގެ މަގާމެއްގައިހުރި ކޮންމެ ފަރާތެއްގެ ބޭންކު އެކައުންޓު ބައްލަވައިފިނަމަ ހަމަ ކޮންމެ މީހެއްގެ އެކައުންޓުގައި ވެސް އޭނާގެ ގާތްމީހުން އެކިކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުޢާމަލާތު ފެންނަން ހުންނާނެއެވެ. ވަކިފަރާތެއް ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވަންވާނީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މުޢައްސަސާގެ ޙުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލައްވާފައި ނޫންތޯއެވެ.؟"

އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލައަކީ އޭނާގެ މަޤާމުގެ ޙައިސިއްޔަތުން ބައްލަވަމުން ގެންދެވި މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ގުޅުވައިގެން އޭނާ މަގާމުން އެކަހެރިކޮށް އަބުރު ކަތިލުމުގެ ޢަމަލުތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.