ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، މަޤާމުން ވަކިކުރުމުގެ ޙާލަތެއް މެދުވެރިވެއްޖެ ކަމަށްބަލައި އެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ފޮނުވަނީ

ފޮޓޯ: ރައްޔތުންގެ މަޖިލިސް

ސުޕްރީމް ކޯޓުން ނިންމަފައިވާ ޤާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން އޭރު ތިއްބެވި ފަނޑިޔާރުންގެ ޤާބިލިއްޔަތާމެދު ސުވާލު އުފެދޭކަމަށް ބަލައި އެފަނޑިޔާރުންގެ މައްސަލަބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފިއެވެ. މިގޮތަށް ނިންމައިފައިވަނީ، ސުޕްރީމް ކޯޓުން ނިންމަފައިވާ ޤާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން ޖޭއެސްސީން ފޮނުއްވި ރިޕޯޓު ދިރާސާ ކުރެއްވުމަށް ފަހުއެވެ.

ކޮމެޓީގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހަޅަމުން އެކޮމެޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޤާނޫނޫ އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުން ނިންމައިފައިވާ ނިންމުންތަކަކީ އޭރު ތިއްބެވި ފަނޑިޔާރުން، ތަޢައްސުބުން އެއްކިބާވެ ތިބެ ނިންމާފައިވާ ނިންމުންތަކެއް ނޫންކަމަށް ކޮމެޓީން ނިންމައިފައިވާ ކަމަށެވެ. އެއީ އެފަނޑިޔާރުންގެ ޤާބިލިއްޔަތާމެދު ސުވާލު އުފެދޭކަމެއްކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންން ޖުޑިޝަރީ ކޮމެޓީން ވަނީ ނިންމައިފައެވެ. އަދި އެއީ ފަނޑިޔާރުން މަޤާމުން ވަކިކުރެވިދާނެ ޙާލަތެއްކަމަށް ކޮމެޓީން ވަނީ ނިންމައިފައެވެ. އެހެންކަމުން އެފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޖޭއެސްސީއަށް ފޮނުއްވުމަށް ވަނީ ނިންމައިފައެވެ.

ސުޕްރީމް ކޯޓުން ޤާނޫނޫ އަސާސީއާ ޚިލާފަށް ނިންމައިފައިވާ ކަމަށް ޖޭއެސްސީން މަޖިލީހަށް ފޮނުއްވިފައިފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަމުގެ އިތުރުން އެމައްސަލައިގެ ބަހުސްގައި މެމްބަރުން ފާހަގަކުރި ކަންތައްތަކެއް ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓުގައި ވަނީ ހިމަނުއްވައިފައެވެ. އެފަދަ ހަތްކަމެއް ވަނީ ރިޕޯޓުގައި ފާހަގަ ކުރައްވައިފައެވެ. އޭގެތެރޭގައި ޤާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކަންކަމުގެ ތެރޭގައި 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައްޔިތުންލީ ވޯޓް އެއްވެސް ޤާނޫނީ ސަބަބެއް ނެތި، ސިޔާސީ މަޤްޞަދަކަށްޓަކައި ނުވަތަ ލިބެމުންދިޔަ ބޮޑު މަންފާއަކަށްޓަކައި ޤާނޫނޫ އަސާސީއާ ޚިލާފަށް ބާޠިލްކޮށްފައި ވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ސައުތު އެފަރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޔޯހާން ކްރިގްލަރ ރާއްޖޭގެ ޝަރުޢީ ނިޒާމާ ގުޅޭގޮތުން މިދިޔަ އޯގަސްޓް މަހު ނެރެފައިވާ ރިޕޯޓުގައިވާ ކަންކަމުގެ ތެރޭގައި ސުޕްރީމް ކޯޓާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަން ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓުގައި ވަނީ ހިމަނުއްވައިފައެވެ.

މިރިޕޯޓުގެ ބަހުސްގައި އެމްޑީޕީ މެމްބަރުން ރިޕޯޓަށް ތާއިދު ކުރައްވައިފައިވާއިރު އިދިކޮޅު މެމްބަރުން ވަނީ ކޮމެޓީގެ މެމްބަރުންގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ގޮންޖަހާ އެނިންމުންތައް ޖޭއެސްސީން ބަދަލުކުރަމުންދާތީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ ސުޕްރީމް ކޯޓަށް ޝަރުތު ހަމަވާ އެއްވެސް މީހަކު މިހާރު ރާއްޖެއިން ނުލިބޭނެކަމަށެވެ. އެއިރެއްގައި ބާރު އޮންނަ ބަޔަކަށް ފެންނަ ބަޔަކު ސުޕްރީމް ކޯޓަށް އައްޔަން ކުރާ ގޮތަށް އޮތުމުން އެކަށީގެންވާ ރަނގަޅު މީހުން ލިބޭނެކަމަށް ސަލީމް ވިދާޅުވިއެވެ. ތަޢައްސުބުން އެއްކިބާވެފައިވާ ބަޔަކު ރާއްޖެއިން މިހާރަކު ނުލިބޭނެކަމަށާއި އެފަދަ އިޚްލާޞްތެރި ބަޔަކުނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިހާރު ގޯސްވެގެން ކަނޑާލާފައި ދެންލާ ބަޔަކުވެސް ގޯސްވާތަން ވަރަށް އަވަހަށް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.