ދެކުނު ޔަމަނުގެ ހަނގުރާމަވެރިންނާ ޔަމަނު ސަރުކާރު ސުލްހައިގެ އެއްބަސްވުމަކަށް

ޔަމަނުގެ ވާދަވެރި ދެފަރާތުން މިއަދު ރިޔާޟުގައި ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރަނީ

ޔަމަނުގެ ދެކުނު ސަރަހައްދު (ކުރީގެ ދެކުނު ޔަމަން) ޔަމަނުން ވަކިކޮށް އިހު އޮތްގޮތަށް ވަކި ދައުލަތެއް ހަދަން ހަނގުރާމަކުރާ ހަނގުރާމަވެރިންނާ ޔަމަނު ސަރުކާރު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ޔަމަނުގެ ސަރުކާރާއި ސަދަން ޓްރާންސިނަލް ކައުންސިލް (އެސްޓީސީ) އިން މިއަދު ސޮއިކުރީ ދެ ފަރާތުން ސުލްހަވެ، އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށެވެ. ޔަމަނުގެ ރައީސު ޢަބްދުރައްބޫ މަންޞޫރު ހާދީއާއި، ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، އަބޫދާބީގެ ވަލީއަހުދު މުޙައްމަދު ބިން ޒާޔިދު ހާޒިރުވަޑައިގަތް ސޮއުކުރުގެ ރަސްމިއްޔާތުގައި، ޔަމަނު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބޮޑުވަޒީރުގެ ނާއިބު ސާލިމް އަލްޚަންބަޝީއެވެ، އެސްޓީސީގެ ފަރާތުން ސޮއިކުރައްވީ އެސްޓީސީ ކައުންސިލްގެ މެންބަރު ނާޞިރު އަލްޚަބްޖީއެވެ.

މި އެއްބަސްވުމަކީ ދެފަރާތް ގުޅިގެން ޝީޢާ ޙޫޘީ ހަނގުރާމަވެރިންނާ ހަނގުރާމަކުރުމަށް މަގުފަހިކޮށްދޭނޭ އެއްބަސްވުމެއް ކަމުގައި ވަނީ ބެލެވިފައެވެ.

އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ބައެއް ވުޒާރާތައް އެސްޓީސީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ޔަމަނުގެ ވަގުތީ ވެރިރަށް ޢަދަނަށް އެނބުރި އައުމުގެ ފުރުސަތު އެސްޓީސީން ރައީސު މަންޞޫރު ހާދީގެ ސަރުކާރަށް ދޭނެއެވެ.

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މާޓިން ގްރިފިތުސް ވަނީ މި އެއްބަސްވުމުގައި ސޮއިކުރި ކަމަށްޓަކާ ސަރުކާރަށާއި އެސްޓީސީއަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މުޅި ގައުމު ސުންނާފަތިވުމުގެ ސަބަބަކަށްވި ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް މި އެއްބަސްވުމުގެ ދަށުން ހަލުވިކަން ލިބިގެން ދާނެކަމުގައެވެ.

މިހާރު ޔަމަނުގައި ކުރިއަށްދާ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ ޙޫޘީ ހަނގުރާމަވެރިން އަރައި ވެރިރަށް ޞަންޢާ ހިފުމުންނެވެ. އަދިވެސް ޞަންޢާ އޮތީ ޙޫޘިންގެ އަތްދަށުގައެވެ.

ޙޫޘީން ބަލިކުރުމުގެ މަގުސަދުގައި ޔަމަނު ސަރުކާރާއެކު ހަނގުރާމަކުރަމުންދާ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ މި އެއްބަސްވުމާމެދު އުފާކުރައްވާކަން ހާމަކުރައްވާފައެވެ.

"މި އެއްބަސްވުމުގެ ސަބަބުން އަމާންކަމުގެ އާ ދައުރެއް ޔަމަނުގައި ފެށިގެން ދާނެ. ދެ ފަރާތް އެއްގަލަކަށް އެރުމުން މިއަދަކީ ސައޫދީންނަށް ވެސް އުފާވެރި ދުވަހެއް." ވަލީއަހުދު ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.