ކޮރަޕްޝަނަށް މަގުފަހިވެދާނެފަދަ އެއްވެސް ޢަމަލެއް ނުހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ކަންކަން، ކުރައްވަމުން ގެންދެވުމުގައި، ކޮރަޕްޝަނަށް މަގުފަހިވެދާނެފަދަ އެއްވެސް ޢަމަލެއް ނުހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށާއި، އެ ކޮމިޝަންގެ މެންބަރުންނަށާއި، މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށްވެސް، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

އަދި، ކޮރަޕްޝަން ނައްތާލުމަކީ، ސަރުކާރުގެ ވަރަށް މަތިވެރި މަޤްޞަދެއް ކަމަށް ވިދާޅުވެ، މިކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ކޮރަޕްޝަންގެ ޢަމަލުތައް ބައްލަވައި ތަޙްޤީޤުކުރެއްވުމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކުންވެސް އެއްވެސް ޖެހިލުމެއްނެތި ކުރައްވަންޖެހޭނޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނެސް، އަދަބު ތަންފީޛު ކުރުމުގައި ހުރި ޤާނޫނީ ހުރަސްތައް ނައްތާލަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކޮރަޕްޝަންގެ ޢަމަލުތަކުން އެއްކިބާވެވޭނީ، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވަވާފައިވަނީ ދައުލަތުގެ މުއައްސަސާތަކަކީ، ކޮރަޕްޝަންގެ ޢަމަލުތަކަށް ފުރުޞަތު ނުދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.