ރައްޔިތުންނަށް މަދުވެފައިވާ ކަންކަން ކޮށްދޭން ދަރަނި އިތުރު ކުރާނަން: ރައީސް

ރާއްޖޭގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ނުލިބިފައިވާ ކަންކަން ކޮށްދެއްވުމުގައި ދައުލަތުގެ ދަރަނި އަދިވެސް އިތުރު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެއަތޮޅު ދުލުސްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންވާ މިހާރު ބައްދަލު ކުރައްވައި ދައްކަވަމުން ގެންދަވާ  ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގަވާ މަޝްރޫއުތަކުގެ ސަބަބުން ދައުލަތް ދަރަނިވެރިވަމުންދާ ވާހަކަ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެދަރަނި ނުދެއްކޭނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެހެނަނަމަވެސް ދަރަނިވެރިވާ ކަމަށް ބުނެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ ސަރުކާރަށް ނޯވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ރައްޔިތުންނަށް މަދުވެފައިވާ ކަންކަން ކޮށްދެއްވުމަށް އަދިވެސް ދައުލަތް ދަރަނުވެރިކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރާނެގޮތް އިދިކޮޅު ފަރާތްތަކަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެފަދަ ވިސްނުމެއް އިދިކޮޅުގައި ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ މަގުމައްޗަށް ނުކުމެ ސަރުކާރަށް ޑިމާންޑު ކޮށްގެން ނޫން ކަމަށެވެ. ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ކަންކަން ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ނުކުރިޔަސް އޭރަކު އޮންނަ ސަރުކާރަކަށް އެނގިވަޑައިގަންނަވަންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.