އެންމެގިނަ މަޝްރޫޢުތައް ހދ. އަތޮޅާއި، އައްޑޫސިޓީއަށް

އަންނައަހަރުގެ ދައުލަތުގެ ބަޖެޓު، ފިނޭންސް މިނިސްޓަރ އަމީރު މަޖިލީހަށް ހުށަހަޅުއްވައިދެއްވަނީ: ފޮޓޯ މަޖިލިސް

އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި 950 އަށްވުރެ ގިނަ މަޝްރޫޢު ހިންގަން ނިންމައި ބަޖެޓުކޮށްފައިވާއިރު އެންމެ ގިނަ މަޝްރޫޢުތައް ހިންގަން ނިންމައިފައިވަނީ ހދ. އަތޮޅާއި އައްޑޫސިޓީގައެވެ.

ހދ. އަތޮޅުގައި ޖުމްލަ 89 މަޝްރޫޢު ހިންގަންވަނީ ނިންމައިފައެވެ. އެމަޝްރޫޢުތަކަށް ޖުމްލަ 362 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވަނީ ބަޖެޓުކޮށްފައެވެ. އެއަތޮޅު 13 ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ނިމާފައިވާއިރު އެންމެ ގިނަ މަޝްރޫޢުތައް ހިންގަން ކަނޑައަޅާފައިވަނީ އެއަތޮޅު ކުޅުދުއްފުށީގައެވެ. އެރަށުގައި 21 މަޝްރޫޢެއް ހިންގަން ވަނީ ނިންމައިފައެވެ. ދެން އެންމެ ގިނަ މަޝްރޫޢުތައް ހިންގަން ނިންމާފައިވަނީ މަކުނުދުއާއި، ހަނިމާދުއާއި، ނޮޅިވަރަންފަރުގައެވެ. މިއިން ކޮންމެ ރަށެއްގައި 8 މަޝްރޫޢު ހިންގަން ވަނީ ނިންމައިފައެވެ. ނޮޅިވަރަމާއި ނެއްލައިދޫން މިއިން ކޮންމެ ރަށެއްގައި 7 މަޝްރޫޢު ހިންގަންވަނީ ނިންމައިފައެވެ. ނާވައިދޫގައި ހިންގަން ނިންމާފައވަނީ 6 މަޝްރޫޢެވެ. އެންމެ މަދުން މަޝްރޫޢު އެއަތޮޅުގައި ހިންގަނީ ހިރިމަރަދޫގައެވެ. އެއީ 2 މަޝްރޫޢެވެ.

އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވަނީ 88 މަޝްރޫޢެވެ. އެ މަޝްރޫޢުތަކަށް 523 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އައްޑޫސިޓީގައި އެންމެގިނަ މަޝްރޫޢު ހިންގަން ނިންމާފައވަނީ ހިތަދޫގައެވެ. އެއީ 22 މަޝްރޫޢެވެ. ފޭދޫ، މަރަދޫފޭދޫ، މީދޫ މިއިން ކޮންމެރަށެއްގައި 10 މަޝްރޫޢު ހިންގާ ގޮތަށްވަނީ ހަމަޖެހިފައެވެ. ހުޅުދޫގައި ހިންގަނީ 14 މަޝްރޫޢެވެ. މަރަދޫގައި ހިންގަން ނިންމާފައިވަނީ 12 މަޝްރޫޢެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 10.2 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނައިފައެވެ. އެއީ މިހާތަނަށް އެމަޝްރޫޢުތަކަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިފައިވަނީ މާލޭ ސަރަހައްދަށެވެ. އެއީ  3،353 މިލިއަން ރުފިޔާ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.