ދިވެހި ފަސްގަނޑަކީ އެތައް ބަތަލުންނެއްގެ ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއް: ރައީސް

މިދިވެހި ފަސްގަނޑަކީ، ޤައުމީ އެތައް ބަޠަލުންނެއްގެ، ފުރާނައާއި ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއް  ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

 އެމަނިކުފާނު މިހެން ވިދާޅުވީ 31 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާތް ވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބޭފުޅުންގެފަހަތްޕުޅުގައި ސާބިތުވެ ތިބި ޢާންމު ފަރުދުން ކަމަށެވެ. އެ ގުޅުން އަދިވެސް ބަދަހިކަންމަތީ އޮތްކަން ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައިވެސް  ރައްޔިތުން ސާބިތުކޮށްދީފި ކަމަށް ރައީސް ވިދާޅުވިއެވެ. "އެ ގުޅުން އަދިވެސް އޭގެ ފަހުން ރާއްޖެ ދުށް ސުނާމީ ކާރިޘާގައިވެސް، އަދި ދާދި ފަހުން މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައިވެސް، ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަ ގުޅުމުގެ ވަރަށް ރީތި ނަމޫނާއެއް،" ރައީސް ވިދާޅުވިއެވެ.

ގައުމަށް ދމާވާ ކޮންމެ މުސީބާތަކުން ގައުމު ސަލާމަތް ކުރުމަށް ގުރުބާންވާން ތައްޔާރަށް ތިބި، ފަޚުރުވެރި ރައްޔިތުންތަކެއް މި ޤައުމުގައި އަންނަނީ އާލާވަމުން ކަމަށާއި އެއީ ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ރައްޔިތުން އިސްކަންދޭކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގުޅުން އިތުރަށް ދެމެހެއްޓުމަށްޓަކައި ރައްޔިތުންނާ ވީހާވެސް ގާތުން އަސްކަރިއްޔާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، މިހާރަށްވުރެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔެ ދެކެމުން މިއަންނަ ޒަމާނީ ބަދަލުތަކާއި، އާ ޓެކްނޮލޮޖީގެ ޒަރީޢާއިން ލިބޭ ކުރިއެރުންތަކާއެކު، ޤައުމުތަކުގެ ޢަސްކަރީ އަދި ދިފާޢީ "އިސްރާޖީ" އަށްވެސް ވަނީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައި ކަމަށެވެ.  އެފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދިފާއަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ތަފާތުވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެންވެސް އެ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި އެކަންކަމަށް ތައްޔާރުވެ ސިޔާސަތުތައް އަލުން ވިލަރެސް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް، ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރުވެސް ރޭވިފައިވާ ކަމަށެވެ.  "ސިފައިންގެ ވެލްފެއަރ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، ޢަމަލީ ގޮތުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން. އެހެންކަމުން ދިވެހި ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި، ދިވެހި އަސްކަރީ ޒުވާނުންގެ، އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ޚާއްސް އިސްކަމެއް ދޭކަމުގައި މި ފުރުޞަތުގައި ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ޢުދުވާނަކީ ޢުދުވާނަކީ އެތައް އިބްރަތަކާއި ފިލާވަޅުތަކެއް ލިބުނު ޙާދިސާއެއް ކަމަށެވެ. ލިބިއްޖެ. "އެ ހާދިސާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަމެއް ހިނގިޔަ ނުދިނުން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.