ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ ވޮލީބޯޅަ މުބާރާތަށް 50 އަހަރު ފުރިއްޖެ

މިއަދަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ ވޮލީބޯޅަ މުބާރާތް ފެށުނުތާ 50 އަހަރު ފުރުނު ދުވަހެވެ. އެ މުބާރާތް ފެށުނީ 3 ނޮވެމްބަރ 1969 ގައެވެ. މުބާރާތުގައި ބައިވެރިވީ ފިރިހެން 6 ޓީމާއި އަންހެން 2 ޓީމެވެ. ފިރިހެން 6 ޓީމުގެ ތެރޭގައި މާލޭގެ 5 ޓީމުގެ އިތުރަށް ބ. އޭދަފުށީ ބަހިއްޔާ ސަޢާދާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ޓީމެއް ހިމެނެއެވެ.

މުބާރާތް ކުޅުނީ ނޮކް އައުޓް ސިސްޓަމަށެވެ. ކޮންމެ މެޗަކުންވެސް ބަލިވާ ޓީމު މުބާރާތުން ވަކިވާ ގޮތަށެވެ.

މުބާރާތް ހުޅުވި މެޗުގައި ކުޅުނީ މާލޭ ޓެނިސް ކްލަބާއި އެމް. އޯކިޑް ކްލަބެވެ. (އެމް އޯކިޑް ކްލަބަކީ މޯލްޑިވިއަން އޯކިޑް ކްލަބެވެ.) މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓެނިސް ކްލަބެވެ. ޓެނިސް ކްލަބްގެ ކެޕްޓަނަކީ ގ. ބޮޑުފެންވަޅުގޭ މުޞްޠަފާ ޙުސައިނެވެ. އޯކިޑް ކްލަބްގެ ކެޕްޓަނަކީ މ. ކޮކާހަނދުވަރުގޭ އަޙްމަދު ނަޢީމު (ކޮކާ ނަޢީމު) އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ރޭޑިއަންޓް ކްލަބާއި ދސމދ ޖަމްޢިއްޔާއެވެ. މޮޅުވީ ރޭޑިއަންޓެވެ. ރޭޑިއަންޓް ކްލަބްގެ ކެޕްޓަނަކީ ހ. ގަދަގޭ ކުޑަތުއްތުއެވެ.

ތިންވަނަ މެޗުގައި ބައްދަލު ކުރީ މާލޭ ޒަމާނީ މިއުޒިކް ކްލަބާއި މިއުޒިކީ ގުލްޝަނުގެ ރާނީބައި (ރާނީ ކްލަބް) އެވެ.

ހަތަރުވަނަ މެޗުގައި ކުޅުނީ މާލޭ ޓެނިސް ކްލަބާއި ރޭޑިއަންޓް ކްލަބެވެ. މޮޅުވީ ޓެނިސް ކްލަބެވެ.

މުބާރާތުގެ އެންމެ ފަހު މެޗު ނުވަތަ ފައިނަލް މެޗު ކުޅެ ނިމުނީ ދެ ދުވަހުންނެވެ. ބައްދަލު ކުރީ މާލޭ ޓެނިސް ކްލަބާއި މާލޭ ޒަމާނީ މިއުޒިކް ކްލަބެވެ. ފުރަތަމަ ދުވަހު ކުޅުނީ ދެ ސެޓެވެ. އެ ދެ ސެޓުން މޮޅުވީ ޓެނިސް ކްލަބެވެ. އެ ހިސާބުން އަނދިރި ވެގެން ހުއްޓައިލީއެވެ. ދެވަނަ ދުވަހު އޮތީ މެޗުގެ ބާކީ ބައި ކުޅުމެވެ. ބާކީ ބައި ކުޅެގެން ޒަމާނީ މިއުޒިކް ކްލަބުން މެޗު ކާމިޔާބު ކުރީއެވެ. މެޗުގެ ނަތީޖާއަކީ 3 ސެޓު 2 ސެޓުން މާލޭ ޒަމާނީ މިއުޒިކް ކްލަބް މޮޅުވުމެވެ.

މުބާރާތުގެ އަންހެނުންގެ އެންމެ ދެ ޓީމު ބައިވެރި ވެފައި ވާތީ ކުޅުނީ އެންމެ މެޗެކެވެ. ކުޅުނީ އެމް. އޯކިޑް ކްލަބާއި މާލޭ ޒަމާނީ މިއުޒިކް ކްލަބެވެ. މި މެޗު ކާމިޔާބު ކޮށްގެން ތަށި ހޯދީ އެމް. އޯކިޑް ކްލަބުންނެވެ. އެމް. އޯކިޑް ކްލަބްގެ ކެޕްޓަނަކީ ގ. ކެނެރީގޭ ޒުހައިރާ ޢުމަރެވެ. ޒަމާނީ މިއުޒިކް ކްލަބްގެ ކެޕްޓަނަކީ މއ. ކޮކޯގޭ ނަސްރީނާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.