ސްކޮޓްލޭންޑުގެ މިނިވަންކަމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ސްކޮޓްލޭންޑުގެ މިނިވަންކަމަށް ގޮވާލައި އިއްޔެ ގްލާސްގޯގައި މުޒާހަރާކުރަނީ

ޔުނައިޓެޑް ކިންގްޑަމް (އިނގިރޭސިވިލާތް) ގެ ދަށުން ސްކޮޓްލޭންޑް މިނިވަންވެ، ވަކި ދައުލަތަކަށް ވުމަށް ތާއީދުކޮށް އެތައް ހާސް ބަޔަކު ސްކޮޓްލޭންޑުގެ އެންމެ ބޮޑު ރަށް ގްލާސްގޯގައި މުޒާހަރާކޮށްފިއެވެ.

20 ހާހަށްވުރެ ގިނަ މީހުން ބައިވެރިވި މި މުޒާހަރާގައި ސްކޮޓްލޭންޑުގެ ފަސްޓް މިނިސްޓަރު (ބޮޑުވަޒިރު ފެންވަރުގެ މަގާމެއް) އަދި ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ) ގެ ލީޑަރު ނިކޮލާ ސްޓާޖަން ބައިވެރިވެވަޑައިގެންފައި ވެއެވެ.

"ޑސެންބަރު 12 ގައި އަހަރުމެންނާ ކުރިމަތި މިވާ އިންތިޚާބަކީ އަހަރުމެންގެ ހަޔާތުގައި ސްކޮޓްލޭންޑުގައި ބާއްވާ އެންމެ މުހިއްމު އިންތިޚާބު. އަހަރުމެންގެ ގައުމުގެ (ސްކޮޓްލޭންޑުގެ) މުސްތަގުބަލު ކަނޑައަޅަން ޖެހޭ ހިސާބަށް މިވަނީ އައިސްފައި. އެއްވެސް ޝައްކެއް ނެތް ގޮތުގައި ސްކޮޓްލޭންޑު މަވަނީ ހަތަރުއަނގޮޅިއެއްގެ މެދުގައި."ސްޓާޖަން ވިދާޅުވިއެވެ.

އޭނާ ވަނީ މިއިންތިޚާބުގައި "ވަރުގަދަ މެސެޖެއް" ފޮނުވުމަށް ސްކޮޓްލޭންޑު މީހުންނަށް ގޮވައިލައްވާފައެވެ.

ސްކޮޓްލޭންޑުގައި މީގެ ކުރިންވެސް އިނގިރޭސިވިލާތުން ވަކިވެ މިނިވަންވުމަށް އަޑު އުފުލިފައި ވީނަމަވެސް، މިނިވަންކަމުގެ އަޑު މިހާރު ގަދަވެގެން މިއުޅެނީ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވާން އިނގިރޭސިން ތާއީދުކޮށްފައި ވާތީއެވެ.

ނިކޮލާ ސްޓާޖަން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އާއްމު އިންތިޚާބު ބޮރިސް ޖޮންސަން ކާމިޔާބުކުރައްވައިފިނަމަ، "އަހަރުމެން އެދޭ ގޮތާ ޚިލާފަށް، ޔޫރަޕްގެ ގައުމުތަކުގެ އާއިލާއިގައި ތިބުމުގެ ހައްގުން ސްކޮޓްލޭންޑްގެ ކިބައިން ނިގުޅިގެން ދާނެ"އެވެ.

ސްކޮޓްލޭންޑުގެ ފަސްޓް މިނިސްޓަރު އަދި ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ) ގެ ލީޑަރު ނިކޮލާ ސްޓާޖަން

ސްކޮޓްލޭންޑުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި، ލޭބާ ޕާޓީ ވެރިކަމަށް އަޔަސް ސްކޮޓްލޭންޑަށް ވަކި ރަނގަޅު ގޮތެއް ނެތެވެ. އެހެންކަމުން ސްޓާޖަން ވިދާޅުވި ގޮތުގައި ސްކޮޓްލޭންޑަށް އޮތް އެންމެ ރަނގަޅު އިޚްތިޔާރަކީ މިނިވަންވުމެވެ.

"މިނިވަން ސްކްޓްލޭންޑެއް މިވަނީ ކުރިން ދުވަހަކުވެސް ނާންނަހާ ވަރަށް ހަގީގަތަކަށް ވުމާ ކައިރިއަށް އައިސްފައި." މުޒާހަރާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން އެސްއެންޕީގެ ލީޑަރު ވިދާޅުވިއެވެ.

ސްކޮޓްލޭންޑު އިނގިރޭސިވިލާތުން މިނިވަންވުމާމެދު 2014 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި %55 ވޯޓުލާފައި ވަނީ އިނގިރޭސި އިއްތިހާދުގައި ތިބުމަށެވެ. އެހެންނަމަވެސް އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާ މެދު 2016 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި ސްކޮޓްލޭންޑުގެ %62 މީހުން ވޯޓުދީފައި ވަނީ އީޔޫގައި ތިބަމަށެވެ. އެހެންކަމުން އަންނަ ޖަނަވަރީގައި އިނގިރޭސިވިލާތް އީޔޫން ވަކިވުމުން، އެކަމާ ނުރުހޭ ގިނަ ބަޔަކު ސްކޮޓްލޭންޑު މިނިވަން ގައުމަކަށް ވާން ތާއީދުކުރުމަކީ ވަރަށް ގާތް ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.