މިނިސްޓްރީ ތަކަށް ޕާމަނަންޓް ސެކްރެޓަރީން ނެގިއިރު ކޮންމެ ފަހަރަކު އުސޫލު ބަދަލުކުރި: ރޮޒައިނާ

ސަރުކާރުގެ މިނިސްޓްރީ ތަކަށް  ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ނަގާ ކޮންމެ ފަހަރަކު، ޕީއެސް ހަމަޖައްސަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި އޮންނަ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިވަން މުއައްސަސާތަކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެބޮޑެތި ކަންބޮޑުވުން ހުރި އެއް މުއައްސަސާއަކީ ސީއެސްސީ ކަމަށެވެ. ސީއެސްސީގައި ހުރި މައްސަލަތަކާބެހޭ ގޮތުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިހާތަނަށް ހިންގި ތަހުގީގު ތަކުން އެނގުނީ މިނިސްޓްރީ ތަކަށް ޕީއެސް ހަމަޖެއްސުމަށްޓަކައި ކޮންމެ ފަހަރަކު ސީއެސްސީން އެ އުސޫލަށް ބަދަލު ގެންނަނީ ވަކިބޭފުޅަކު އެމަގާމަށް ހަމަޖައްސަން ވެގެން ކުރައްވާ ކަމެއް ކަމަށެވެ. އެހެންވެ ކޮމިޓީން މިހާރު ބަލަން ފަށާފައިވާ ސީއެސްސީގެ ބަޔެއް މެމްބަރުންގެ މައްސަލަތަކުގެ ތެރޭގައިވެސް އެފަދަ ކަންކަން ހިމެނެއެވެ.

ރޮޒައިނާ ވިދާޅުވީ ކޮމިޓީން މިނިވަން މުއައްސަސާތަކާއެކު ވަކިވަކިން އެންމެ ފުރަތަމަ ބައްދަލުވުންތައް ބޭއްވިއިރުވެސް ސީއެސްސީއަކީ ވަރަށްގިނަ މައްސަލަ ހުރި ތަނެއްކަން ކޮމިޓީއަށް ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައި އޮންނަންވާ ވަރަށް ގުޅުން ނެތުމާއި، ކޮމިޝަނުގެ ރައީސަށް އެހެން މެމްބަރުން އެއްބާރުލުން ނުދިނުން ފަދަ މައްސަލަތަކެއް ފާހަގަ ކުރެވުނު ކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ކޮމިޝަނުގެ ބަޔެއް މެމްބަރުންގެ މައްސަލަތަކެއް ކޮމިޓީން ބަލަން ނިންމީ، ކުރިންވެސް މައްސަލަ އޮތް ކޮމިޝަނެއް ކަމަށް ފާހަގަ ކުރެވިފައި ވަނިކޮށް، އާންމު ރައްޔިތުންގެ ފަރާތުން ސީއެއްސީއާމެދު އޮތް ޝަކުވާތަކެއް ކޮމިޓީއަށް ހުށަހެޅުމުންނެވެ.

އެ ޝަކުވާ ތަކަކީ 90 ވަރަކަށް ސިވިލްސާވަންޓުން ވަޒީފާއިން ވަކިކުރި މައްސަލައެވެ. ރޮޒައިނާ ވިދާޅުވީ އެ މުއައްޒަފުން ވަކިކޮށްފައި ވަނީ އެ މުއައްޒަފުންމާމެދު ކުރެވުނު ތުހުމަތު ތަކަށް ޖަވާބުދާރީ ވުމުގެ ފުރުޞަތުވެސް ނުދީކަން ކޮމިޓީގެ ތަހުގީގަށް އެނގުނު ކަމަށެވެ. ވަކިކުރި މީހުން ވަކިކޮށްފައި ވަނީ ހަމައެކަނި މިނިސްޓްރީން ދީފައިވާ މައުލޫމާތަށް ބަލައިގެން ކަމަށާއި، ނަމަވެސް މީހަކު ވަޒީފާއިން ވަކިކުރާނަމަ އެމީހަކާމެދު އުފުލިފައިވާ ތުހުމަތަށް ޖަވާބުދާރީވެ، އެކަމުން ބަރީއަ ވުމުގެ ފުރުޞަތު ލިބުމަކީ ޤާނޫނުގައި ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ފުރުޞަތެއްކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ ވަކިކުރި މީހުންނަށް ޖަވާބުދާރީ ވެވޭނެ ގޮތް ހަދައިދިނުމަށް ސީއެސްސީގެ ލީގަލް ޑިޕާޓްމެންޓުންވެސް ކޮމިޝަނުގެ މެމްބަރުންނަށް ލަފާ ދީފައިވާކަން އެނގެން އެބައޮތެވެ. އޭނާ ވިދާޅުވީ ވަކިކުރި ގިނަ މީހުންގެ މައްޗަށް ކޮށްފައި ވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެއް ކަމަށެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލައެއް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަކީ ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަކަށްވުމުގެ އިތުރުން އެއީ އާންމުންވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރި ތަހުގީގުގައި އެއިން މީހެއްގެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވޭތޯ ބެލިއިރު އެފަދަ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ.

ވަކި ކުރި މީހުންނާ ކޮމިޓީން ފޯނުންވެސް ވާހަކަ ދައްކައި، އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ކޮމިޝަނުގެ މެމްބަރުންނަށްވެސް ޖަވާބުދާރީ ވުމުގެ ފުރުޞަތު ކޮމިޓީން މިހާރު ވަނީ ދޭން ނިންމާފައެވެ. އެހެންވެ ކޮމިޓީން އެ މައްސަލައިގައި ސީއެސްސީގެ މެމްބަރުންނާމެދު ގޮތެއް ނިންމާނީ މެމްބަރުން ޖަވާބުދާރީ ވުމަށް ފުރުޞަތު ދިނުމަށްފަހު ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ސީއެސްސީގެ އިތުރުން އެހެން ބަޔެއް ކޮމިޝަންތަކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އޭސީސީގެ ހުރިހާ މެމްބަރުން މިހާރު ބަދަލުވެ، އާ ކޮމިޝަން އައުމާއެކު އެ ކޮމިޝަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އިލެކްޝަން ކޮމިޝަނާމެދު ވިދާޅުވީ އެ ކޮމިޝަނުގެ މައްސަލަތަކެއް ހުރިކަން ކޮމިޓީއަށް ފާހަގަ ކުރެވިފައި ނެތް ކަމަށާއި، އެއްވެސް މީހަކުވެސް އެ ކޮމިޝަނާމެދު މައްސަލައެއް ކޮމިޓީއަށް ހުށަހަޅާފައި ނެތް ކަމަށެވެ. އެންއައިސީގައި ވަރަށްގިނަ މައްސަލަ ނުބަލައި، ފުނި ޖެހިފައި ހުރިކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިޔާ ކައުންސިލް އެއްކޮށްލައި، އާ މީޑިޔާ ކޮމިޝަނެއް އުފެއްދުމުގެ މައްސަލަތް ކޮމިޓީން ކުރިޔަށް ގެންދާކަމާއި، ބްރޯޑްކޮމްއަކީވެސް މައްސަލަތައް ގިނަ އަދަދަކަށް ހުރި ކޮމިޝަނެއްކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.