ފުވައްމުލަކުން ފުލެޓު ލިބުނު ފަރާތްތަކަށް ފުލެޓު ޙަވާލު ކުރަން ފަށައިފި

ފުވައްމުލަކު ސިޓީގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ފުލެޓުތައް ލިބުނު މީހުންނާ ފުލެޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓު ޙަވާލު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ޙައްޤުވެރިންނަށް ފުލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީއާއި، ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ. މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، ޑައުންޕޭމެންޓު ބަލައިގަނެ ފުލެޓު ޙަވާލު ކުރުމުގެ މަސައްކަތެވެ.

ޑައުންޕޭމަންޓުގެ ގޮތުގައި ފްލެޓަކަށް ދައްކަންޖެހެނީ 19،000ރުފިޔާއެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ފްލެޓްތަކަށް ވަންނަން ދައްކަންޖެހެނީ 9،500 ރުފިޔާ ކަމަށެވެ. ބާކީބައި ދެވަނަ މަހު ދެއްކިދާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފުވައްމުލަކު ސިޓީން ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފުވައްމުލަކުގައި ކުރިއަށް ދާނީ އޮކްޓޯބަރު 28 އިން ނޮވެމްބަރ 4 އަށެވެ. ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ވަނީ 200 ފްލެޓު ޢިމާރާތްކޮށްފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޢިމާރާތްކުރެވިފައި ވީ ނަމަވެސް އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

ފުލެޓުތަކަށް ބޭނުންވާ ފެނާއި، ނަރުދަމާއި، ކަރަންޓުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ފްލެޓު ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އޮކްޓޯބަރ 21 ގައި ސޮއިކުރައްވައިފައެވެ.

ފުވައްމުލަކު ސިޓީގެ އިތުރަށް އައްޑޫ ސިޓީގައި ޢިމާރާތްކޮށްފައިވާ ފުލެޓުތަކަށް ވެސް ނޮވެމްބަރުގެ ނިޔަލަށް މީހުން ވައްދައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.