ފުވައްމުލަކު ސިޓީއާއި ފަރެސްމާތޮޑާއާ ދެމެދު ފެރީގެ ޚިދުމަތް ފަށައިފި

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޤާއިމުކޮށްފައިވާ ލޯންޗް ފެރީގެ ޚިދުމަތް އިފްތިތާހު ކުރައްވައިފިއެވެ. އެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ މިއަދު ހެނދުނު ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނާސީމެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްޤީގެ ކުރިއެރުންތައް ލިބިގެން ދިއުމުގެ ހަގީގަތަކީ ރައްޔިތުން އެކަކު އަނެކަކާ ގުޅިލާމެހި ކުރެވޭ މަސައްކަތްތައް ކަމަށެވެ. އަދި ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ އެއްވެސް ބަޔަކު، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވުން ކަމަށެވެ. އެގޮތުން، ސަރުކާރު ހިންގުމުގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކުން ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ މުސްތަޤުބަލުގެ ޖީލަކީ ވަރުގަދަ، ޤައުމިއްޔަތެއް ދިރުވައިދޭނެ، ޤައުމަށް ތަރައްޤީ ގެނެސްދޭނެ ޖީލަކަށް ހެދުމުގެ މުހިންމުކަމަށެވެ. އެކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނާއިބު ރައީސް ފަރެސްމާތޮޑާއަށް ކުރެއްވި މިޒިޔާރަތުގައި އެރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.