ފްރާންސުގެ ހުޅަނގު ދެކުނުގެ ބަޔޯން އަވަށުގެ މިސްކިތަކަށް ބަޑިން ހަމަލާ ދިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފްރާންސުގެ ފުލުހުން ބުނެފިއެވެ. އިއްޔެ ހިނގި މިހާދިސާގައި ދެމީހަކު ޒަޚަމްވެފައިވާ ކަމަށް ވެއެވެ.
މިހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އެއްފަހަރަކު ފްރާންސްގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރި އުމުރުން 84 އަހަރުގެ ފިރިހެނެކެވެ. ފްރާންސްގެ ދެކުނުގައި ނެރޭ ސުޑް އޮވެސްޓް ނޫހުން ޚަބަރުދޭ ގޮތުގައި ހަމަލާދިން މީހާގެ ނަމަކީ ކަލައުޑް ސިންކޭ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ ލޯކަލް އިންތިޚާބުގައި އެންމެ ކަނާތު ފިޔައިގެ ހަރުކަށި ނޭޝަނަލް ފްރަންޓް ޕާޓީގެ ފަރާތުން ވާދަކޮށްފައެވެ.
އިއްޔެ ހަވީރު 3:20 ގައި (ރައްޖޭ ގަޑިން އިރުއޮއްސި 7:20 ގައި) ދިން މި ހަމަލާގައި ޒަޚަމްވި އުމުރުން 74 އަހަރާއި 78 އަހަރުގެ ދެމީހުންގެ ޒަޚަމްތައް ބޮޑު ނަމަވެސް އެ ދެމީހުންގެ ހާލަތު މިހާރު ގޯސްވަމުން ނުދާކަމަށް ބަޔޯންގެ ހޮސްޕިޓަލުން ޚަބަރުދެއެވެ.
ފުލުހުން ބުނި ގޮތުގައި މިސްކިތަށް ބަޑިޖެހުމަށް ފަހު އެތަނުން ދަމުން، އެތަނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލަންވެސް މަސައްކަތްކުރިއެވެ. އެކަމުގެ ސަބަބުން ކުޑަ ގޮވުމެއްވެސް ގޮވާފައިވާ ކަމަށް ވެއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ ގެއާ ކައިރި ހިސާބަކުންނެވެ.
ބަޑި ޖަހާފައި ވަނީ ނަމާދުކޮށް ނިމިގެން މީހުން ނުކުތް ވަގުތުގައެވެ. ބަޑިން ގިނަ ވަޒަންތަކެއް ޖަހާފައި ވެއެވެ. އަދި ޒަޚަމްވީ ދެމީހުންގެ ތެރެއިން އެކަކީ އެ މިސްކިތުގެ އިމާމު ރާޝިދު އަލްޔާ ކަމަށް ވެއެވެ.
ފްރާންސްގެ ރައީސު އިމާނުއެލް މެކްރޯން ވަނީ "މި ވަހުޝީ އަމަލު" "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "ނަފުރަތުގެ ހަމަލާތަކަށް (ފަރަންސޭސި) ޖުމްހޫރިއްޔާގައި ޖާގައެއް ނެތް" ކަމުގައެވެ.
"ހަމަލާ ދިން ފަރާތަށް އަދަބު އަހަރުމެން ގައުމުގެ މުސްލިމުން ހިމާޔަތްކުރަން ހުރިހާ މަސައްކަތެއް ކުރެވޭނެ." މެކްރޯން ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ކްރިސްޓޯފް ކަސްޓެނާ ވެސް ވަނީ މުސްލިމުންނާއެކު ވާކަން ހާމަކުރައްވާފައެވެ.
ފްރާންސުގައި 5.7 މިލިއަން މީހުން އުޅެއެވެ. އެއީ އެ ގައުމުގެ އާބާދީ %8.8 އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މޮރޮކޯ، އަލްޖީރިޔާ، ޓިއުނީޝިޔާ، ތުރުކީ އަދި ދެކުނު އޭޝިޔާގެ ގައުމުތަކުން ހިޖުރަކޮށް އެގައުމުގައި ވަޒަންވެރިވެފައި ތިބި މީހުންނެވެ. އަދި އޭގެތެރޭގައި ފްރާންސުގެ އަސްލު މީހުންގެ ތެރެއިން ނަސާރާ ދީން ދޫކޮށް އިސްލާމްވި ލައްކައަކަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.