ރަސްފަންނާ ދިމާ ބޭރު ސާފުކުރަން މާދަމާ ފީނަނީ

މާލޭ ރަސްފަންނު ސަރަޙައްދާ ދިމާ ބޭރުގެ ކަނޑުއަޑި ސާފު ކުރުމުގެ ޕްރޮގްރާމެއް މާދަމާ ހިންގަން ނިންމައިފިއެވެ. އެތަން ސާފު ކުރުމަށް އިސްނެގީ  ޑައިވް ޑެސްކް ކިޔާ ޑައިވިން ސެންޓަރަކުންނެވެ.

އެތަނުން ބުނީ އެސަރަޙައްދަކީ ޑައިވްކުރަން ދަސްކުރާ މީހުން ގޮވައިގެން ފައިބާ ސަރަޙައްދު ކަމަށެވެ. އެހެން ފައިބާއިރު އެސަރަހައްދު ވަރަށް ބޮޑަށް ހަޑިވެފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށްވެސް އެތަނުން ބުންޏެވެ.

"މާދަމާ ސާފުކުރާ ސަރަހައްދަކީ ރަސްފަންނާ ދިމާ ބޭރުގައި ޑައިވިންކޮށް ސްނޯކުލިން ކުރަން ޚާއްސަކޮށްފައިވާ ސަރަހައްދު. އެސަރަހައްދުގެ އަޑިން 30 މީޓަރުން ފެށިގެން 100 މީޓަރުގެ ސަރަޙައްދެއް ސާފުކުރަނީ ޑައިވަރުންނާއި އަދި އެކަމުގައި ބައިވެރިވާން ބޭނުންވާ އެހެން މީހުންވެގެން،" ޑައިވް ޑެސްކުން ބުންޏެވެ.

އެ ސެންޓަރުން ބުނީ އެދިމާ ކަނޑުއަޑީގައި ވަރަށްގިނައިން ކުނިބުނި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ފުޅިއާއި، ދަޅާއި ކޮތަޅާއި، ފޮއްޗާއި، ކަންވާރާއި އަދިވެސް އެފަދަ ސާމާނު އަޑީގައި އެބަހުރި ކަމަށް އެތަނުން ބުންޏެވެ. "އަޅުގަނޑުމެންނަކީ ޑައިވް ކުރަން ދަސްކޮށްދޭން މީހުން ގޮވައިގެން އެސަރަހައްދަށް އެރޭބައެއް. އެ ސަރަހައްދުގެ ފަރަކީ މިހާރަކަށް އައިސް ވަރަށް ރީތިވަމުން އަންނަ ފަރެއް. އެތަން ސާފުކޮށް ރީތިކޮށް ބޭއްވުމަށް މަސައްކަތް މިކުރަނީ،" އެ ސެންޓަރުން ބުންޏެވެ.

އެ ސަރަޙައްދުގެ އަޑީ އާމުންނަށް ނުފެންނާތީ އެއްވެސް ވަރަކަށް މީހުންގެ ސަމާލުކަމަށް އެސަރަހައްދު އައިފައެއް ނުވެއެވެ. އެހެންނަމަވެސް ޑައިވް ޑެސްކުގެ މި މަސައްކަތުން އެކަން ބަދުލުވުމުގެ އުންމީދުވެސް ވަރަށް ބޮޑެވެ. އައިޖީއެމްއެޗާ ދިމާ ފާރުމަތީގައި ތިބެފައި ބައެއް މީހުން މިހާރުވެސް ފުޅިދަޅު ފަދަ އެއްޗެހި ބޮއިފައި މޫދަށް އެއްލާލާ ކަމަށް ވެސް އެތަނުން ބުންނެވެ. އެހެންކަމުން އެފަދަ ޢަމަލުތައް ނުކުރުމަށް އިލްތިމާސް ކުރާކަމަށް ޑައިވް ޑެސްކުން ވަނީ ބުނެފައެވެ.

މިއީ މާލޭ ސިޓީކައުންސިލާއި، ޕާލޭއާއި، ވެމްކޯ ގުޅިގެން ހިންގާ ޚާއްސަ ޙަރަކާތެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.