އެމްޑީއެން އުވާލަން ސަރުކާރަށް ކެރިވަޑައި ނުގަންނަވާނެ: ޢުމަރު

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ކެރިވަޑައިނުގަންނަވާނެކަން "ޔަޤީން" ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ޖަމިއްޔާ އުވާލައްވަން ސަރުކާރަށް ކެރިވަޑައި ނުގަންނަވާނެ ސަބަބަކީ އޭގައި އުޅޭ މީހުންނަކީ ސަރުކާރުގެ އިސްބައެއް ވެރިންގެ ޢާއިލާއާ ގުޅުންހުރި މީހުން ކަމަށްވާތީއެވެ. "އެ ޖަމިއްޔާއަކީ އިސް މަޤާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފެމިލީއާ ވަރަށް ގުޅުން އޮންނަ ޖަމާޢަތެއް. އެހެންވެ އެއުޅުއްވަނީ އެއިން ނުނެއްޓެވިގެން. ޑިފެންސަށް ފައިބައިގެން އުޅެނީ އެހެންވެގެން. ފެމިލީއާ ގުޅުމެއްނެތް ޖަމާޢަތެއްނަމަ އުވާލުން ފަދަ ކަމެއްކޮށްފާނެ. އެކަމަކު މިހާރު މިއޮތްގޮތުން ނުވެސް ކެރޭނެ އުވާލާކަށް. އަޅުގަނޑަށް ވަރަށް ޔަޤީން ކެރިވަޑައިނުގަންނަވާނެކަން އުވާލާކަށް،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޖަމިއްޔާ އުވައިނުލިޔަސް ސަރުކާރަށް ގުޑުން އަންނަވަރުގެ ގޮންޖެހުންތަކެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި އޭގެ އަސަރު ފެންނާނެ ކަމަށެވެ. އޭރުންވެސް ޖެހޭނީ "ދިފާޢަށް ކުޅެން" ކަމަށް ޢުމަރު ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުމުގެ ނަމުގައި ސަރުކާރުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަންކަމަކީ މަތި އޮމާންކޮށްލަން ކުރައްވާ ކަންކަން ކަމަށް ޢުމަރު ވިދާޅުވިއެވެ. "އެއީ އިޚުލާސްތެރި ކަމާއެކު ހިތުގެ އަޑީން ކުރަމުން ގެންދާ ކަންކަމެއްނޫން. ފިޔަވަޅު އަޅަން ކިޔާނީ. އެއްވެސް ފިޔަވަޅެއް ނާޅާނެ،" ޢުމަރު ވިދާޅުވިއެވެ.

މިބާވަތުގެ ބައެއް ވާހަކަ ދައްކައިގެން މީގެ ކުރިންވެސް މިސަރުކާރުން އެއްވެސް މީހަކާމެދު ފިޔަވަޅު އަޅައިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް މީހުން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ޢުމަރު ވިދާޅުވިއެވެ. "ސުވާލު ކުރުން ފިޔަވައި ކޮބައިތޯ އެޅުއްވި ފިޔަވަޅަކީ. ނާޅުއްވާނެ ފިޔަވަޅު،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ކޮންމެ ބަޔަކަށް ވިޔަސް އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާ ކުރާ ކަމަށްވާނަމަ އޭރަކު އޮންނަ ސަރުކާރަކުން ލަސްނުކޮށް ފިޔަވަޅު އަޅުއްވަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ފިޔަވަޅުތަކެއް މިސަރުކާރުން އަޅުއްވާތަނެއް ނުފެންނަ ކަމަށ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.