ދީނާ ޚިލާފުކަމަކަށް އެއީ ދީނާ ޚިލާފު ކަމެކޭ ބުނުން ހުއްޓައެއް ނުލެވޭނެ: ޝައިޚް އިލްޔާސް

ދީނާ ޚިލާފު ކަމަކަށް އެއީ ދީނާ ޚިލާފު ކަމެކޭ ބުނުން ހުއްޓައެއް ނުލެވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކިތަންމެ މަތީބޭފުޅަކު ވިދާޅުވިޔަސް އަދި ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރު ދެއްކިޔަސް އެފަދަ ވާހަކަތައް ހުއްޓައެއް ނުލެވޭނެއެވެ.

އޭނާ ވިދާޅުވެފައިވަނީ އިލާހީ ކޯފާއިން ސަލާމަތްވުމަށްޓަކައި ނުބައި ކަންކަން ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ދެންނެވޭނެ ކަމަށެވެ.

"ކިތަންމެ މަތީ މަގާމެއްގެ ބޭފުޅަކު ވިދާޅުވިޔަސް އަދި ވަޒީފާގެ ބިރު ދެއްކިނަމަވެސް ދީނާ ޚިލާފު ކަމަކަށް އެއީ ދީނާ ޚިލާފު ކަމެކޭ ބުނުން ހުއްޓައެއް ނުލެވޭނެ. އިލާހީ ކޯފާއިން ސަލާމަތްވުމަށް ނުބައިކަންތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ދެންނެވޭނެ،" އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލައި އޭގައި އިސް ޙަރަކާތްތެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ޢިލްމުވެރިންނާއި ސަރުކާރާ ވާދަވެރި އިދިކޮޅު ފަރާތްކުން ސަރުކާރަށް ގޮވައިލަމުންދަނިކޮށްނެވެ. އެޖަމިއްޔާ އުވައިލުމަށް އެދެމުންދަނީ އެތަނުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އެކަށީގެންނުވާ ވާހަކަތަކެއް ދައްކައިފައިވާތީއެވެ. ސަރުކާރުން މިހާރުވަނީ ވަގުތީ ގޮތުން އެޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.