އެމްޑީޕީގެ އެޖެންޑާ 19 ގެ ތެރޭގައި ދޮގުހެދުމާއި މަކަރު ހެދުމުގެ އިތުރަށް ކަންކަން އޮޅުވައިލުން ހިމެނޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަޙައްދުގައި ރޭ ބޭއްވި "އަންނަނީއަންނަނީ" އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެއީ އަބަދުވެސް އެމްޑީޕީން ގެންގުޅޭ އުސޫލެއް ކަމަށެވެ. އެއުސޫލަކީ ޙަގީގަތް އެނގޭ މީހުން ބަލައިގަންނާނެ އުސޫލެއްނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިޚާބު ކައިރިވުމުން ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދެއްވާނެ ކަމަށް ބުނަމުންދިޔުމަކީ ވެސް އޭގެ ތެރެއިން ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ރައްޔިތުންގެ ޢާއްމު ދިރިއުޅުމާ ގުޅުންހުރި ކަންކަމުގައި ވެސް އެމްޑީޕީގެ ސިޔާސަތަކީ އޮޅުވާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންޑީޕީގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މިނިވަން މުޢައްސަސާތަކަށް ނުފޫޒާއި ބާރު ފޯރުވުމަކީ މިސަރުކާރުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ އެކި ކޯޓުތަކުގެ ފަނޑިޔާރުން ސަސްޕެންޑްކުރުމާއި މަޤާމުން ވަކިކުރުން ކަމަށްވެސް ވިދާޅުވިއެވެ. މިދިޔައަހަރު ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެސް މިސަރުކާރުގެއިސް ބޭފުޅުންގެ ނުފޫޒުން ކުރިކަމެއް ކަމަށް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފައެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ތަރައްގީގެ މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި މިއަހަރު މިހާތަނަށް ބަޖެޓު ދެފަހަރަށް ފާސްކޮށްގެންވެސް ކަމެއް ކުރެވިފައި ނުވާކަމަށާއި އެއިން ދައްކުވައިދެނީ ސަރުކާރުގެ ޙާލަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެޙާލަތުގައި އޮތް ސަރުކާރަކަށް މުސްތަގުބަކުގައި ވެސް ކަމެއް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ 19 އާ ބެހޭގޮތުން ރައީސް ޔާމީން ދެއްކެވީ އެއްވެސް ޙަގީގަތެއް ނޫން ކަމަށް އެޕާޓީގެ އިސްބޭފުޅުން ވިދާޅުވެއެވެ. އޭގެ ބަދަލުގައި އެއީ ދިވެހިރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ގެނެސް ޖީބު ތިޔާގިކޮށްދޭނެ އެޖެންޑާއެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.